އޭޝިއާގެ އެންމެ މުއްސަނދި މަހުޖަނުކަމަށްވާ އިންޑިޔާގެ މުކޭޝް އަމްބާނީގެ ފިރިހެން ދަރިފުޅު އާނަންތު އަމްބާނީގެ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ތިންދުވަހުގެ ޚާއްސަ ހަފުލާތަކެއް ގުޖަރާތު ސްޓޭޓްގައި ފަށައިފިއެވެ. މި ހަފުލާތަކުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި މަހުޖަނުން އެމީހުންގެ އަމިއްލަ ޖެޓުތަކުގައި އައިސް ގުޖަރާތުގެ ޖަމްނާގަރުގެ އެއަރޕޯޓް ވަނީ ފުރާލައިފައެވެ.
މިފަހަރު މިއޮތީ އަދި އަސްލު ކައިވެނި ޕާޓީއެއް ނޫނެވެ. އެކަން އޮތީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މިހާރު މިބާއްވަނީ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ތިންދުވަހުގެ ޚާއްސަ ހަފުލާތަކެކެވެ. މިކަން މިއޮތީ އިންޑިޔާގެ ގުޖަރާތު ސްޓޭޓްގައިވާ ރިލަޔަންސް ޓައުންޝިޕްގައެވެ. ރިލަޔަންސް ގްރޫޕަކީ އަމްބާނީ އާއިލާގެ ކުންފުނިތަކުގެ މައްޗަށް އެކުލެވޭ ގްރޫޕެކެވެ.
މި ހަފުލާތަކުގައި ބައިވެރިވާ ދުނިޔޭގެ މަޝްހޫރު މަހުޖަނުންނާއި ފަންނާނުންގެ ތެރޭގައި އެމެރިކާގެ ބިލް ގޭޓްސް، މާކް ޒުކަރބާގް، ލެރީ ފިންކް، އަދި އިވާންކާ ޓްރަމްޕު ހިމެނެއެވެ. އިންޑިޔާގެ ފަންނާނުންގެ ތެރޭގައި ސަލްމާން ޚާނާއި ޝާހުރުކް ޚާނާއި އަމީތާބު ފަދަ ތަރިން ހިމެނެއެވެ. މި އެންމެންގެ ޝަރަފުގައި ޝޯކުޅެދޭ މީހުންގެ ތެރެއިން އެކަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ ރިއާނާ އެވެ.
މުކޭޝް އަމްބާނީގެ މިލްކިއްޔާތުގެ އަގު 111 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އޭނާގެ ދަރިފުޅު އާނަންތު އަމްބާނީގެ ކައިވެނި ކުރެވެނީ ރާދިކާ މާޗަންޓް ނަމަކަށް ކިޔުނު އަންހެން ކުއްޖަކާއެވެ. އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ޖަމްނާގަރުގެ އެއަރޕޯޓް މިހާރުވަނީ މި ހަފުލާތަކުގައި ބައިވެރިވާން އަންނަ ބިދޭސީ މަހުޖަނުންނަށް ޚިދުމަތް ދިނުމަށް ވަރަށް ބޮޑަށް އަޕްގްރޭޑް ކުރެވިފައެވެ. އެހެން އެއަރޕޯޓްތަކުން މުވައްޒަފުންނާއި ތަކެތި ގެނެސްގެންނެވެ. ގުޖަރާތަކީ އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ސްޓޭޓެވެ.