ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ޕީއެންސީގެ ތަރުޖަމާނަކަށް ހީނާ ވަލީދު ހަމަޖައްސައިފި

ޝަހީދާ އަބްދުﷲ ސައީދު

2

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ތަރުޖަމާނުގެ މަގާމަށް ހީނާ ވަލީދު މިއަދު ހަމަޖައްސައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި މަސައްކަތްކުރެއްވި ހީނާ، އެމަގާމަށް ހަމަޖެއްސުމާ ގުޅިގެން ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެޕާޓީއަކީ މީޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވާނެ ޕާޓީއެއް ކަމަށާއި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ.

އަދި ޕީއެންސީއަކީ ޕީޕީއެމްއާ އެއްފުރާޅެއްގެ ދަށުން މަސައްކަތް ކުރާނެ ދެ ޕާޓީ ކަމަށާއި ދެޕާޓީއަކީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާނެ ދެ ޕާޓީ ކަމަށް ވިދާޅުވިއެވެ. އަދި ޕީއެންސީ އުފެއްދެވީ ސީދާ ރައީސް ޔާމީންގެ ލަފާފުޅާއެކުކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ ޕީއެންސީގެ ބާނީއަކީ ވެސް ރައީސް ޔާމީން ކަމަށެވެ.

މީގެ އިތުރުން ޕީއެންސީގެ ވަރަށް ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި މިވަގުތު އެންމެ އިސްކަންދޭނީ މެންބަރުން އިތުރު ކުރުމަށް ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޕާޓީއަށް މެންބަރުން އިތުރުކުރުމަށްޓަކައި އެކި ޓީމުތަކުން އަތޮޅުތަކަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށާއި ރަސްމީކޮށް އެދަތުރުތައް ފަށާނީ ރަމަޟާން މަސް ނިމުމުން ކަމަށް ހީނާ ވިދާޅުވިއެވެ.

ޕީއެންސީގެ ތަރުޖަމާނު ކަމަށް ހީނާ ވަލީދު ހަމަޖެއްސެވީ އެޕާޓީގެ މަޝްވަރާ މަޖިލީހުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟