ޝެއިޚް ޑރ. މުހައްމަދު އިޔާޒް

ލަންކާގައި މިވަގުތު ތިބި މުސްލިމު އަންހެނުން މޫނު ނިވާ ނުކުރުން ރަނގަޅު: ޑރ. އިޔާޒު

ސްރީލަންކާގައި މިވަގުތު ދިރިއުޅޭ މުސްލިމު އަންހެނުން މޫނު ނިވާނުކުރުން ރަނގަޅު ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައިވަނީ މޫނު ބުރުގާއާއި ބެހޭ ގޮތުން މީސް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ

ޑރ. އިޔާޒު ވިދާޅުވީ މޫނު ބުރުގާގެ މައްސަލައިގައި އޭނާ ވިދާޅުވެފައިވާނީ ހަމައެކަނި ލަންކާގައި ދިރިއުޅޭ މުސްލިމު އަންހެނުން މިވަގުތު މޫނު ނިވާ ނުކުރުން ރަނގަޅުވާނެ ކަމަށެވެ.

އަދި ޓުވީޓުގައި ވިދާޅުވެފައިވަނީ އޭނާގެ އެވާހަކަތައް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ދައްކައި، ސުރުހީތައް ހަދަމުން ގެންދާ ކަމަށެވެ.

މިމަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު އެގައުމުގައި މިއަދުން ފެށިގެން މޫނު ނިވާކުރުން ވަނީ މަނާކޮށްފައެވެ.

މޫނު ބުރުގާ އެޅުން ނުވަތަ މޫނު ނިވާކޮށްގެން އުޅުން މަނާ ކުރީ އެ ހަމަލާގެ ފަހަތުގައި ތިބި، އިތުރު މީހުން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށް ދާތީ، ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ އެވެ.

ރައީސް މައިތިރިޕާލަ ސިރިސޭނަ މިގޮތަށް ނިންމަވާފައިވަނީ، އެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދުމަށް ސަލަމާތީ ބާރުތަކުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.