ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަޕޯޓަރުން އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒްއާ މަގުމަތިން ދިމާކޮށް، ފުރައްސާރަކޮށްފިއެވެ.
ޑރ. އިޔާޒަށް މަގުމަތިން ދިމާކޮށް ފުރައްސާރަ ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން، އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި މިއަދު ބޭއްވި ހިނގާލުމެއްގައި މަޖިދީމަގުންނެވެ.
ޑރ. އިޔާޒަށް މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޑރ. އިޔާޒު ސޯޝަލް ސެންޓަރާ ދިމާލަށް ދުއްވާފައި ދަނިކޮށް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވަނީ އޭނާއަށް ހުރަސްއަޅައި ހުތުރު ބަސްތަކުން ގޮވައިފައެވެ.
އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ޑރ. އިޔާޒަށް ފުރައްސާރަކުރުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެކަމާ ގުޅޭގޮތުން އަދާލަތުގެ ތަރުޖަމާނު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރޭވުމުގެ މަތިން އާންމު މެންބަރުން ލައްވައި އިސްލާމްދީނާއި ގާނޫނުތަކާއި އަދި އާންމު އަހުލާގީ މިންގަނޑާ ހިލާފު ކަންކަން ކުރުވާ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒާ މަގުމަތިން ދިމާކޮށް، އިސްލާމުން އެކަކު އަނެކަކަށް ރައްދުކުރުން ނަހީކުރައްވާފައިވާ ބަސްތަކުން މުހާތަބުކޮށް ޕީޕީއެމް/ޕީއެންސީން ހިންގި ދަށު ދަރަޖައިގެ ހުތުރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ނަޒީރު ވިދާޅުވިއެވެ.
ޑރ. އިޔާޒަކީ ސޯޝަލް މީޑިއާގައި އެކި ކަންކަމާ ގުޅިގެން ހިޔާލުފާޅުކުރައްވާ ބޭފުޅެކެވެ. ޑރ. އިޔާޒު ވަނީ މީގެ ކުރިން ޔާމީނަށާއި އެމަނިކުފާނު ވެރިކަން ހިންގެވި ގޮތާ މެދު ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓުވީޓު ކުރައްވައިފައެވެ.