ޚަބަރު

ޒިނޭގެ ތުހުމަތު ސާބިތުކޮށް ނުދެވިއްޖެ ނަމަ ރައީސް ނަޝީދަށް ހައްދު ޖަހަންޖެހޭނެ: އިޔާޒު

އިބްރާހިމް ޒަކީ

މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކި ގެންނަން ޖެހޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގެވި ފޮޓޯތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމުންނެވެ.

އެ ތުހުމަތާ ގުޅިގެން ޑރ. އިޔާޒު ވިދާޅުވީ، މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކި ގެންނަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި ހަތަރު ހެކިން ނުގެނެސްފިނަމަ ގަޛްފުގެ ހައްދު (އަށްޑިހަ އެތިފަހަރު) ޖަހަން ޖެހޭނެ ކަމަށާއި އެ މީހަކީ ފާސިގެއް ކަމަށް ބަލައި އެމީހެއްގެ ހެކިބަސް ގަބޫލުނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެފަދަ ދޮގު ވާހަކަ ދައްކަވާތީ، ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަޖިލީހުގެ ރައީސް ކަމުން އޭނާ ވަކި ކުރުމަށްވެސް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އިޔާޒު ވަނީ ގޮވާލައްވައިފައެވެ.

ޑރ. އިޔާޒު ވިދާޅުވީ، ލިވާތަކީ ސިޔާސީ ކަމެއްކަމުގައި ހެދުމާއި އެކަން ދިފާއުކުރުމާއި ގަޒްފުކުރުމާއި މިކަހަލަ އެތައް ކަމެއް ފެނިފައިވުމުން މަޖިލިސްގެ ރައީސްކަމުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުންނާއި އެމްޑީޕީގެ މެންބަރުކަމުން ރައީސް ނަޝީދު ވަކިކުރަންޖެހޭ ކަމަށެވެ.