ހޫތީން ހަމަލާދިން ކާގޯ ބޯޓު އަޑިއަށް ހިނގައްޖެއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން މިދިޔަ މަހުގެ 18 ވަނަ ދުވަހު ރަތް ކަނޑުން ދަތުރުކުރަމުންދިޔަ އިނގިރޭސިވިލާތަށް ނިސްބަތްވާ ބޯޓަކަށް ހަމަލާދިނުމާއެކު އެބޯޓު ދޫކޮށް އޭގެ ފަޅުވެރީން ވަނީ ފައިބައި ބޯޓު ކަނޑުމައްޗަށް ދޫކޮށްލާފައެވެ.
ހޫތީން ދިން ހަމަލާއާ ގުޅިގެން ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓު އަޑިޔަށް ގޮސްފައިވާއިރު އެމެރިކާއިން ވަނީ އެ ބޯޓުން ކަނޑަށް ތެޔޮ ފައިބައި ތިމާވެށީގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ބުނެފައެވެ. ބޯޓު އަޑިޔަށް ދިޔައިރު އޭގައި 41،000 ޓަނުގެ ގަސްކާނާ ހުރިކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ޔަމަނުގެ ސަރުކާރުން ވަނީ ބޯޓު އަޑިޔަށް ދިއުމާއެކު އެކަމުގެ ސަބަބުން ހިނގައިދާނެ ތިމާވެށީގެ ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ކޮމެޓީއެއް އުފައްދައި މަޝްވަރާތައް ފަށާފައެވެ. އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ޔަމަނުން ވަނީ ބައިނަލްއަގުވާމީ އެހީއަށްވެސް އެދިފައެވެ.
ހޫތީން އެބޯޓަށް ހަމަލާ ދީފައިވަނީ އެބޯޓުން އިސްރާއީލަށް ހަތިޔާރު އުފުލާ ކަމަށް ތުހުމަތު ކޮށްފައެވެ.