ދުނިޔެ

ރޯދަމަހަށް ހާއްސަކޮށް ލަންކާގައި ކަދުރުން ނަގާ ޑިއުޓީ ބޮޑުތަނުން ކުޑަކޮށްފި

މުހައްމަދު އައުޒަމް

ރޯދަމަހަށް ހާއްސަކޮށް ލަންކާގައި ކަދުރުން ނަގާ ޑިއުޓީ ބޮޑުތަނުން ކުޑަކޮށްފިއެވެ.

ލަންކާގެ މިނިސްޓްރީ އޮފް ފިނޭންސުން ވަނީ އެ ގައުމުގައި މިހާރު ނަގަމުން އަންނަ ކޮންމެ ކަދުރު ކިލޯއަކުން 200 ރުޕީސްގެ ޓެކްސް ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭ ކިލޯއަކުން އެއް ރުޕީސްއަށް ދަށް ކުރުމަށް ނިންމާފައިވަކަމަށް ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން މިއީ އަންނަ ރޯދަމަހަށް އެ ގައުމުގެ މުސްލިމުންނަށް ހާއްސަކޮށް ދިން ލުޔެކެވެ. އެ މިނިސްޓްރީން ވަނީ އެ ގައުމުގެ ރިލިޖަސް އެފެއާސް މިނިސްޓްރީން އެދުނު ގޮތަށް ކަދުރުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފާހަގަކޮށްފައެވެ.

ލަންކާގައި މިހާރު ކަދުރު ކިލޯއެއް އުޅެނީ 1000 ރުޕީސްއަށް ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.