ދުނިޔެ

ރޯދަމަހު ސައުދީގެ އެއްވެސް މިސްކިތެއްގައި ރޯދަވީއްލުން ނުބޭއްވުމަށް އަންގައިފި

މުހައްމަދު އައުޒަމް

ރޯދަމަހު ސައުދީގެ އެއްވެސް މިސްކިތެއްގައި ރޯދަވީއްލުން ނުބޭއްވުމަށް އަންގައިފިއެވެ.

ސައުދީގައި މިއަހަރުގެ ރޯދަމަހު އެއްވެސް މިސްކިތެއްްގައި ރޯދަ ވީއްލުން ނުބޭއްވުމަށް އަންގާފައި މިވަނީ އެ ގައުމުގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ އޯޑަރަކަށް ކަމަށް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.

ސައުދީގެ އިސްލާމީ ކަންތައްތަކާބެހޭ މައި އިދާރާއިން ވަނީ ވަލީއަހުދުގެ އޯޑަރު ތަންފީޒު ކުރުމަށް އެގައުމުގެ މިސްކިތްތަކުގެ އިމާމުންނަށް އަންގާފައެވެ.

ސައުދީގެ އިސްލާމިކް އެފެއާޒުން ވަނީ އެ އަމުރަކީ އެ ގައުމުގެ މިސްކިތްތަކުގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ކުރެއްވި އަމުރެއް ކަމަށް ބުނެފައެވެ. މީގެ ކުރީން ކަން ކުރާ ގޮތަށް، މިސްކިތްތަކުގެ އިމާމުން މީހުން އަތުން ފައިސާ ނަގައިގެން މިސްކިތުގައި ރޯދަ ވީއްލުމުގެ އިންތިޒާމުތައް މިއަހަރު ކުރިޔަށް ނުގެންދިއުމަށް ވެސް ވަނީ އަންގާފައެވެ. ނަމަވެސް މިސްކިތާއި ކައިރި ހިސާބެއްގައި ހާއްސަ ސަރަހައްދެއްގައި ރޯދަ ވީއްލުން ކުރިޔަށް ގެންދިއުމަށް މައްސަލައެއް ނެތް ކަމަށް ސައުދީގެ އިސްލާމިކް އެފެއާޒުން ވަނީ ހުއްދަ ދީފައެވެ.