އިދިކޮޅު އިއްތިހާދުން އިއުލާންކުރި ދީނީ މެނިފެސްޓޯގެ ބޮޑުބައެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ތަންފީޒުކޮށް ނިންމާފައިވާ ކަމަށް ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދީނީ އިލްމުވެރިންތަކެއް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި މިރޭ ވާހަކަދައްކަވަމުން ޝަހީމް ވަނީ އިދިކޮޅު އިއްތިހާދުގެ ދީނީ މެނިފެސްޓޯގައި ހިމެނޭ ވާހަކަތަކަށް އަލިއަޅުއްވާލައްވައި، ފާޑު ވިދާޅުވެފައެވެ.
"އެ މެނިފެސްޓޯގައި ފިގުހު އެކަޑަމީއެއް އުފައްދާނެ ވާހަކަ އެބައޮތް. ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ގާނޫނެއް ހުށަހަޅައި، އެ ގާނޫނު ފާސްކޮށް، ފަތުވާ ކައުންސިލްގެ ނަމުގައި ވަރުގަދަ ބާރުތަކެއް ދީގެން ކައުންސިލެއް ވަނީ އުފައްދާފައި. ހަލާލް ސެޓްފިކެޓް ދޭނެ ކަމަށް ވެސް އިދިކޮޅު މެނިފެސްޓޯގައި އެބައޮތް. އެއީ މިސަރުކާރުން މީގެ ތިން އަހަރު ކުރިން ފެށިގެން ކުރަމުން އަންނަ ކަމެއް،" ރައީސް ޔާމީންގެ ރަނިންމޭޓް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯގައި އިސްލާމިކް ފައިނޭންސް ސެންޓަރެއް ގާއިމް ކުރާނެ ކަމަށް އެބައޮތް ކަމަށާއި ނަމަވެސް މި ސަރުކާރުން އިސްލާމިކް ފައިނޭންސް ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެ މެނިފެސްޓޯގައި ހިމެނޭ އެތައް ކަމަކީ މި ސަރުކާރުން ތަންފީޒުކޮށް ނިންމާފައިވާ ކަންކަން ކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ މެނިފެސްޓޯގައި ހިމެނޭ މިސްކިތްތައް ސީޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުން އެއީ ވަރަށް ބިރުވެރި ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.