ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުން ގޮޅި ލިބުނު ފަރާތްތަކުގެ ލިސްޓު އާއްމު ކޮށްފިއެވެ.
ރަށު މާރުކޭޓުން ގޮޅި ދޫކޮށްފައިވަނީ، ދެ ކެޓަގަރީއަކަށް ބަހާލައިގެން، ގޮޅިއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިމަތިލި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.
އެއީ އަމިއްލަ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީ އާއި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީއެވެ.
މީގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތަކީ އުމުރުން 18 އަހަރު ފުރުމެވެ. އަދި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީގެ ޝަރުތަކީ ވިޔަފާރި ކުރާތާ ހަ މަސް ދުވަސް ވެފައިވުމެވެ.
އެޗްޑީސީިން ބުނީ ރަށު މާރުކޭޓުން ގޮޅި ހޯދުމަށް 871 ފަރާތަކުން ފޯމު ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ގޮޅިތައް ދޫކޮށްފައިވަނީ، ގުރުއަތުން ހޮވުުނު ފަރާތްތަކަށެވެ.
ރަށު މާރުކޭޓުން ގޮޅި ދޫކޮށްފައިވަނީ މޭވާ ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކަށް ހާއްސަ 37 ގޮޅިއަކާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅިއެކެވެ. މި ގޮޅިތަކުގައި ބޮޑުމިނަކީ 80 އަކަ ފޫޓެވެ.
ރަށު މާރުކޭޓުން ގޮޅި ދޫކޮށްފައިވަނީ، ތިން އަހަރުގެ މުއްދަތަށެވެ.
މި ގޮޅިތަކަށް ކުރިމަތިލި ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،500ރ. ހުށަހަޅާފައިވާއިރު، މަހު ކުލީގެ ގޮތުގައި 3،500ރ. ދޭން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މާރުކޭޓުގެ ގޮޅިތަކަށް ގުރުއަތުން ހޮވިފައިނުވާ ފަރާތްތަކުުގެ ބޭންކް ގެރެންޓީ މިއަދުންފެށިގެން އަންނަ މެއި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް، ބަންދު ނޫން ކޮށްމެ ދުވަހެއްގެ ހެނދުނު 9:00 އިން 1:00 އަށް ދޫކުރަމުން ގެންދާނެ ކަމަށެވެ.
ބޭންކް ގެރެންޓީއާ ހަވާލުވެ ވަޑައިގެންނެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ފޯމު ބަލައިގެންފައި ދޫކުރި ސްލިޕާއި ގެރެންޓީއާ ހަވާލުވާ ބޭފުޅެއްގެ އައިޑީކާޑު ގެންދިއުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ބަދަލުގައި ބޭންކް ގެރެންޓީއާ ބޭފުޅަކު ހަވާލުވާނަމަ ވެރިފަރާތުގެ ސިޓީއެއް ގެންދެވުމަށްވެސް އެޗްޑީސީން އެދިފައިވެއެވެ.