ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ފުރަތަމަ އަމާޒަކީ ދެ މަސްތެރޭގައި ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު 18،000 އަށް އެރުވުން: ޝުޖާއު

ޝަހީދާ އަބްދުﷲ ސައީދު

ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ސައްހަ މެންބަރުންގެ އަދަދު 18000 އަށް އެރުވުމަކީ ފުރަތަމަ އަމާޒު ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޝުޖާއު މިރޭ ވިދާޅުވީ ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ކައުންސިލު ބައްދަލުވުމުގައި އެޕާޓީގެ ހަތަރު ނައިބުންގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ޕާޓީއަށް މެންބަރުން އިތުރުކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޕާޓީން މަސައްކަތް ކުރަމުންދަނީ ޕީޕީއެމްއާ ވަރަށް ބޮޑަށް ގުޅިގެން ކަމަށާއި މެންބަރުން އިތުރުކުރަން ކުރާ މަސައްކަތުގެ ތެރެއިން ޕީޕީއެމުން މެންބަރުން މަދު ނުވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރަކު ކޮންމެހެން ކޮންގްރެސް ޕާޓީއަށް ސޮއިކުރުމަކީ ލާޒިމު ކަމެއް ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކޮންގްރެސް ޕާޓީގެ ސައްހަ މެންބަރުންގެ އަދަދު 18،000 އެރުވުމަކީ ފުރަތަމަ އަމާޒު ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުގައި މިހާރު އެ ޕާޓީގައި ތިބީ 8000 މެމްބަރުންނެވެ.

ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއެކު ކޮންގްރެސް ޕާޓީ އުފައްދާފައިވާ އިރު، އެޕާޓީގެ ފުރަތަމަ ކޮންގްރެސް މިހާރު ވަނީ އިއްޔެ ރޭ ބާއްވައިފައެވެ.

އެގޮތުން އިންތިހާބަކާ ނުލައި ފޮނަދޫގެ ދާއިރާގެ މެންބަރު އަބްދުއްރަހީމް ޕާޓީގެ ރައީސަކަށް ހަމަޖެހިގެން ދިޔައިރު ޕާޓީއަށް ހަތަރު ނައިބު ރައީސުން ވަނީ އިންތިހާބުކޮށްފައެވެ.

އެގޮތުން ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާނާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މުހައްމަދު ހުސައިން ޝަރީފު (މުންދު)އެވެ.

އަދި އެޕާޓީގެ ޕީޖީ ލީޑަރަކަށް މަޑުއްވަރީ ދާއިރާގެ އިންތިހާބީ މެންބަރު އާދަމް ޝަރީފު އައްޔަންކުރި އިރު އެޕާޓީގެ ސެކްރެޓަރީ ޖެނެރަލަކަށް ގީލާ އަލީ ވަނީ އައްޔަންކުރައްވައިފައެވެ.