ދުނިޔެ

ހޫތީން ހަމަލާދޭން ފެށުމާއެކު ކާގޯ ބޯޓު ދޫކޮށް ފަޅުވެރިން ފައިބައިފި

މުހައްމަދު އައުޒަމް

ހޫތީން ހަމަލާދޭން ފެށުމާއެކު ކާގޯ ބޯޓު ދޫކޮށް ފަޅުވެރިން ފައިބައިފިއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން ރަތް ކަނޑުން ދަތުރުކުރަމުންދާ ކާގޯ ބޯޓުތަކަށް ދެމުންދާ ހަމަލާތަކުގައި އިއްޔެވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ކާގޯ ބޯޓަކަށް ހަމަލާދީފައެވެ.

ގަލްފު ކަނޑުގައި ދަތުރުކުރަމުންދިޔަ ދަ ރޫބީމާ ނަމަކަށްކިޔާ އެބޯޓަށް ދިން ހަމަލާއަކީ މިހާތަނަށް ހޫތީން ބޯޓަކަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް އޮފިޝަލުން ބުނެއެވެ.

ހޫތިން ހަމަލާ ދިނުމާއެކު ބޯޓަށް ލިބުނު ގެއްލުން ބޮޑުކަމުން އެބޯޓު އަޑިޔަށް ހިނގައިދާނެކަމުގެ ބިރާއެކު ފަޅުވެރިން ބޯޓު ދޫކޮށް ފައިބައިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ހަމަލާ ކުށްވެރިކޮށް އިނގިރޭސިވިލާތުން ވަނީ އެއީ ނުރައްކާތެރި ހަމަލާއެއް ކަމަށާއި އެ ސަރަހައްދުގައި ޔޫކޭގެ ނޭވީން ހަރަކާތްތެރިވަމުން ދާނެކަމަށް ބުނެފައެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން ދަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން އަރަބި ކަނޑާއި ގަލްފުކަނޑުން ދަތުރުކުރާ ކާގޯ ބޯޓުތަކަށް ހަމަލާދެމުންނެވެ. ހޫތީންގެ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ވަނީ އެގައުމު އިސްވެއޮވެ ވާގިވެރި ގައުމުތައް ގުޅި ކޯލިޝަން ހަދައި ބޯޓުތައް ރައްކާތެރިކުރެވޭތޯ މަސައްކަތް ފަށައިފައެވެ.