ކިޑްނެޕް ކުރިކަމަށްބުނެ ފޭކު ޖެއްސި މީހަކު ޓައިވާނުން ހައްޔަރުކޮށްފިއެވެ.
ޓައިވާނުން ހައްޔަރުކޮށްފައި ވަނީ އެ ގައުމުގެ ޔޫޓިއުބަރެއް ކަމަށްވާ ޝެން ނެންގް ޗުއާން ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާއާއި އެކު އޭނާގެ އެކުވެރިޔަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ޝެން ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ ސިހަނޮކްވިލޭ ސިޓީގައި ބަޔަކު އޭނާ ކިޑްނެޕް ކޮށްފައިވާ ކަމަށާއި އެމީހުން އޭނާއަށް އަނިޔާކުރާ ކަމަށް ބުނެ ޔޫޓިއުބްގައި ވީޑިއޯ ހިއްސާކުރުމުން ހިންގި ތަހުގީގަށް ފަހުގައި ކަމަށް ފުލުހުން ބުނެއެވެ.
ޓައިވާންގެ ސިހަނޮކްވިލޭ ސަރަހައްދަކީ ގޭންގުތައް އާންމު އަދި ކިޑްނެޕްކޮށްގެން އޮންލައިން ސްކޭމް ހިންގުމުގައި މަޝްހޫރު ސަރަހައްދެއްކަމަށް ނޫސްތަކުން ބުނެއެވެ.
ޝެން ގެއްލުމާއެކު އޭނާގެ އަންހެނުން ފުރަތަމަ ވަނީ ވީޑިއޯއެއް މެދުވެރިކޮށް އެކަން އާންމުކޮށްފައިކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއްފަހުން ޝެން ވަނީ އޭނާ އެ މީހުންގެ ކިބައިން ފިލައި ސަލާމަތްވެފައިވާ ކަން ހާމަކޮށްވެސް ވީޑިއޯއެއް ޕޯސްޓު ކޮށްފައެވެ.
ޝެންގެ ވީޑިއޯތައް ވައިރަލްވުމާއެކު ގިނަ ބަޔަކު ވަނީ އެ ކަމުގައި އަޑި ނޭނގޭ ކަންކަން ހުރިކަމަށް ބުނެފައެވެ. އެގޮތުން އެމީހުން ޝެން ހައްޔަރު ކުރިއިރު އޭނާގެ އަތުގައި ސްޓްރީމް ކުރުމަށް ބޭނުންވާ އާލާތްތައް ހުރީ ކީއްވެތޯ ސުވާލުކޮށްފައިވެއެވެ. އަދި އޭނާ އަޕްލޯޑްކުރާ ވީޑިއޯތައް އަޕްލޯޑްކުރާ ލޮކޭޝަން ވެސް ބަޔަކު ވަނީ ފަޅާއަރުވާލާފައެވެ.