ސިޔާސީ ޕާޓީއެއްގެ ބުންވަރާއި ފަންވަރު ފެނިގެންދާނީ އެޕާޓީއަކުން އިދިކޮޅުގައި ތިބެ، މަސައްކަތްކުރަން ޖެހުމުން ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ރޭ ބިލަބޮންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސަރުކާރުގެ އާރާއި ބާރާއި ޖާހަތުގައި އޮވެގެން މަސައްކަތް ކުރާއިރު ސިޔާސީ ޕާޓީއެއްގެ ހުންނަންވާ ޒިންމާދާރުކަން ނުފެންނާނެ ކަމަށާއި ޕާޓީއެއްގެ ޒިންމާދާރުކަން ރައްޔިތުންނަށް ފެނިގެންދާނީ އިދިކޮޅުގައި މަސައްކަތް ކުރަން ޖެހުމުން ކަމަށެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމަުން އަންނަ ފެހި ގާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރުމުގެ ޝަރަފު ލިބިފައިވަނީ ހަމައެކަނި ޕީޕީއެމްއަށް ކަމަށެވެ.
އަދި އިދިކޮޅުގައި މިހާރު މަސައްކަތްކުރަން ޖެހުމުން ޕީޕީއެމްއާއި ޕީއެންސީގެ ސިޔާސަތުތައް އެކުލަވައިލައި ވީހާވެސް އަވަހަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަސައްކަތްތައް އަވަހަށް ފަށަންޖެހޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ އިދިކޮޅުގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ވެސް ނިއުމަތެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި މިއަދުވެސް ވިސްނަންވާނީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކަށް މަސައްކަތް ކުރުމަށް ކަމަށެވެ.
ކޮންގްރެސްގެ ރިޔާސަތުވެސް ބެލެހެއްޓެވި ނާޒިމްގެ ވާހަކައިގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު އަސާސަކަށް ވާންޖެހޭނީ ޕަބްލިކް އޮފީސްތަކަށް މީހުން އިންތިހާބުކުރާ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.