ޝަހީދާ އަބްދުﷲ ސައީދު
ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އާއި ޕީޕީއެމްއިން ކުރިއަށްވުރެ ބޮޑަށް ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތްކުރަންޖެހޭ ކަމަށް، ދެން ފެށޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ، މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާގައި، ދެވަނަ ޑިފެންސް މިންޓަރުކަން އަދާކުރެއްވި، އާދަމް ޝަރީފު މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އާދަމް ޝަރީފު ވިދާޅުވީ ގައުމަށް ނުރައްކާ ވެދާނެފަދަ ކޮންމެ ކަމަކަށް ކުރިއަށްވުރެ ބޮޑަށް ހުޝިޔާރުވާންޖެހޭ ކަމަށާއި އެކަމަށްޓަކައި މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވީ އިދިކޮޅު ޕާޓީއެއްގެ ތަޖުރިބާ އާއި ވެރިކަން ކުރެއްވި ޕާޓީ އެއްގެ ތަޖުރިބާވެސް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންކަމަށެވެ.
އަދި ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި މެމްބަރުންގެ ފަރާތުން ފެނިގެން ދިޔައީ، ގާނޫނު އަސާސީއަށް ގޮން ޖަހާ، ސިފައިންނާއި ފުލުހުންގެ ދައުރަށް ހުރަސް އެޅި މަންޒަރު ކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖަިލީހާ މެދު ރައްޔިތުން ދެކެނީ މާ އުފާވެރިކޮށް ނޫން ކަމަށާއި ފާއިތުވެ ދިޔަ ދުވަސްތަކުގައި މަޖިލީހާ މެދު ރައްޔިތުން ވެފައިވާ މާޔޫސްކަން ފިލުވައިލުމަށްޓަކައި ޒިންމަދާރުކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 19 ވަނަ މަޖިލީހުގެ ކަރާމަތާއި އިއްޒަތް ހިފަހައްޓާނެ ކަމަށާއި ފާއިތުވެ ދިޔަ ދުވަސްތަކުގައި މަޖިލީހުގެ ކަރާމާތަށް އަރައިގަނެ، ސިފައިންނާއި ފުލުހުންނަށް ހުރަސްއަޅައި ތަނުގެ މުދަލަށް ގެއްލުންދިން މަންޒަރު ފެނިގެންދިޔަ ކަމަށެވެ.
އަދި ޕީޕީއެމް އާއި ޕީއެންސީ އަކީ މިހާރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ދެ ޕާޓީ ކަމަށާއި އެ ދެ ޕާޓީންވެސް މަސައްކަތް ކުރާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ތަފާތު ގޮތްތަކެއް ބޭނުންކޮށްގެން ކަމަށް ވިދާޅުވިއެވެ.