ދުނިޔެ

ބޮސްޓަންގެ ނަރުސް މަރާލި މީހާ ހައްޔަރުކޮށްފައި ހުއްޓާ ފިލުމުން އަނެއްކާވެސް ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

ބޮސްޓަންގެ ނަރުސް މަރާލި މީހާ ހައްޔަރުކޮށްފައި ހުއްޓާ ފިލުމުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

އެފްރިކާގެ ގައުމެއްކަމަށްވާ ކެންޔާއަށް އުފަން އުމުރުން 42 އަހަރުގެ ކެވިން ކިންޔަންޖުއީ ނަމަކަށް ކިޔާ އެމީހާ ވަނީ އޭނާގެ ލޯބިވެރިޔާ މަރާލުމަށްފަހު ފިލައިގެން އަމިއްލަ ގައުމަށް ގޮސްފައެވެ.

ފުލުހުން ވަނީ ކެވިން މިދިޔަ އަހަރުގެ ނޮވެމްބަރު އެކެއްގައި އޭނާގެ ލޯބިވެރިޔާ މަރާލުމަށްފަހު އެމީހުން ދަތުރުކުރަމުންދިޔަ ކާރު ތެރޭގައި ބާއްވާފައި ފިލައިގެން އޭނާގެ ގައުމު، ކެންޔާއަށް ގޮސްފައިކަމަށް ބުނެފައެވެ. ކެވިންގެ ލޯބިވެރިޔާގެ ހަށިގަނޑު ފެނިފައިވަނީ ދެދުވަސް ފަހުން ބޮސްޓަންގެ ލޯގަން އެއާޕޯޓުގެ ޕާކިންގައި އޮތް އެމީހުންގެ ކާރުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

ކެވިން ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ އެމެރިކާ ސަރުކާރުން ދިން މައުލޫމާތުތަކަށް ބިނާކޮށް ކެންޔާގެ ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި ވެރިރަށް ނައިރޯބީގެ ނައިޓް ކްލަބެއްގައި ހުއްޓައިކަމަށް އޮފިޝަލުން ބުނެއެވެ. ކެވިން ހައްޔަރުކޮށް އެމެރިކާއާ ހަވާލުކުރަން ކެންޔާގެ ސަރުކާރުން ނިންމައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައެވެ.

ނައިރޯބީގައި ސަލާމަތީކަންކަން ވަރުގަދަ ފުލުހުންގެ އޮފީހެއްގައި ހައްޔަރުގައި ހުރި ކެވިން ފިލާފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހޯދުމަށް ހިންގި ބޮޑު އޮޕަރޭޝަނަކަށްފަހު އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ތިމާގެ މީހެއްގެ ގެއެއްގައި ހުއްޓައިކަމަށް ފުލުހުން ބުނެއެވެ.

ކެންޔާގެ ފުލުހުން ވަނީ އޭނާ ހައްޔަރުކުރުމަށްފަހު އިތުރަށް އަމަލު ކުރާނެ ގޮތްތަކަކާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރަމުން ގެންދާކަމަށް ބުނެފައެވެ.