ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

ނިއުއަށް ހިތްދަތިކަން، ވިކްޓަރީ އެނބުރި ފުރަތަމަ ޑިވިޝަނަށް

އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބު އަނެއްކާވެސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެއްޖެއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު ފޯރިގަދަ ސެމީ މެޗުގައި ވިކްޓަރީން ނިއު ރޭޑިއަންޓް އަތުން މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

ދެ ސީޒަނަށްފަހު ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް އަލުން ޕްރޮމޯޓް ވާން ކުރީ އުނދަގޫ ދަތުރެކެވެ. ގައުމީ ލީގުވެސް 23 ފަހަރަށް ކާމިޔާބުކުރި ވިކްޓަރީއަށް ފުޓުބޯޅައިގެ ރާސްތާ ބަނަވާން ފެށީ 2013 ވަނަ އަހަރު ކްލަބަށް އައި ކުއްލި ލޮޅުމަކާ އެކުގައެވެ. އެ ސީޒަންގެ ރެލިގޭޝަން ޕްލޭ އޮފްގައި ލީގު ނިންމާލި ވިކްޓަރީ ދެވަނަ ޑިވިޝަނަށް ނުގޮސް ސަލާމަތްވީ ކިރިޔާއެވެ. އޭގެ ފަހުން ކޮންމެ ސީޒަނަކަށްވެސް ވިކްޓަރީ ތައްޔާރުވިތަން ފެނުނީ ދުރު ރާސްތާ ޕްލޭނެއް ނެތިއެވެ.

އޭގެ ފަހުން 2019/2020 ލީގު މެޗުތަކަށްވެސް ވިކްޓަރީއަށް ރަނގަޅަށް ހާޒިރު ވެވިފައެއް ނުވެއެވެ. އޭގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތައްވެސް އޮތެވެ. އެއާއެކު ކްލަބު ލައިސަންސްއާ ގުޅޭގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީއާވެސް އެކު، ސަސްޕެންޑުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

އޭގެ ފަހުން ދެ ސީޒަނުގައި ދެވަނަ ޑިވިޝަނުގައި ކުޅެ، ވިކްޓަރީ މިއަދު އަލުން ޕްރޮމޯޓްވީ ވަރުގަދަ ސްކޮޑަކާއެކުގައެވެ. ވިކްޓަރީގެ އިތުރުން މިފަހަރު ދެވަނަ ޑިވިޝަންގެ ފައިނަލުގައި ކުޅޭ މަސްއޮޑި ސްޕޯޓްސް ކްލަބަށްވެސް ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބިފައެވެ. ވިކްޓަރީ އާއި މަސްއޮޑި ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރުއެވެ.

މިއަދުގެ މެޗަށް ވިކްޓަރީން ނުކުތް އިރު، އެ ޓީމުގެ ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޯލީ ވްލަޝީޗޭފް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. އެއީ ކުޑަހެންވޭރާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމެއްގައި އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

މިއަދުގެ މެޗުގެ 35 ވަނަ މިނެޓުގައި ވިކްޓަރީން ލީޑު ނެގީ، ހުސެއިން ފައިސަލް (ފައިޓޯ) ޖެހި ގޯލުންނެވެ. އެއީ މޫސާ ޔާމިން (ޔާމްބެ) ދިން ބޯޅައަކަށް ހުސްކޮށް އަރައި، ފައިޓޯ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ނިއުއިން ފުރަތަމަ ހާފުގެ ފަހުކޮޅުގައި ކުޅުން ރަނގަޅު ކުރި ނަމަވެސް، ވިކްޓަރީން ވަނީ މެޗުގެ 67 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައިފައެވެ. އެ ގޯލު ޖެހީ ބަދަލަށް އެރި އިބްރާހީމް ރިޒްހާން (ރިޒްކޯ) އެވެ. މިއީ، ވިކްޓަރީގެ މުހައްމަދު އުމައިރާއި ބޮކުރީ އަދި ޔާމްބެ ގުޅިގެން ކުރި އެޓޭކެއްގައި ރިޒްކޯއަށް އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޖެހި ގޯލެކެވެ.

މިއީ، ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ދެވަނަ ޑިވިޝަނުން ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ދެވަނަ ފަހަރެވެ. މީގެ ކުރިން، 2016 ވަަނަ އަހަރު ކްލަބު ގްރީން ސްޓްރީޓްސް އިން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި އިރު، އެޓީމުގެ ކޯޗަކީވެސް ސޮބާއެވެ.