ދިވެހި ފުޓުބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން މިއަދު އަނެއްކާވެސް ގައުމީ ދަނޑުން ފެންނާނެއެވެ. "ރަސްވާދަ" އެވެ. "ރަސްވާދަ" އަކީ ނިއު ރޭޑިއަންޓް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ވާދަވެރިކަމަށް ދެވިފައިވާ ހާއްސަ ނަމެކެވެ. ހާއްސަކޮށް ދެ ކްލަބުގެވެސް ފުޓުބޯޅައިގެ ވާދަވެރިކަމަށް "ރަސްވާދަ"އިގެ ނަން ދެވިފައިވެއެވެ. ގަދަ ދެބާރު މިވަގުތު އޮތީ ދެވަނަ ޑިވިޝަނުގައި ނަމަވެސް، މިއަދު ދެޓީމުންވެސް ނުކުންނާނީ ކޮންމެވެސް އެއް ޓީމެއް ފުރަތަމަ ޑިވިޝަނަށް ދިޔުމަށެވެ. އާދައިގެ ކުރިމަތިލުމަކަށް މިއަދުގެ ކުރިމަތިލުން ނުވާނީ އެހެންވެގެންނެވެ.
ދެ ކްލަބުގެ ސަޕޯޓަރުންގެ މިވަގުތު ތިބީ ތަސައްލީއެއް ހޯދުމަށް ކެތްމަދުވެފައެވެ. އެއީ ތާރީހެއް އޮތް، ކާމިޔާބީތަކުން ޖަރީވެފައިވާ ދެޓީމުވެސް ދެވަނަ ޑިވިޝަނުގައި އޮތް އޮތުން ނިމުމަކަށް ގެނެސްގެން ނޫނީ ހޯދޭނެ ތަސައްލީއެއް ނޫނެވެ. އެކަން ވާން އޮތީ އެއް ޓީމަށެވެ. މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައިވެސް ދެ ކްލަބުން ވާދަކޮށް، ފުރަތަމަ ޑިވިޝަނަށް ނޭރި ނިންމާލަން ޖެހުނު އިރު، މިއަދު ކޮންމެވެސް އެއް ޓީމަކަށް އެ ކާމިޔާބީ ހާސިލް ކުރެވޭނެއެވެ.
މި ދައްކަނީ އެތަކެއް ކުޅުންތެރިންނެއްގެ ހިތާ ގުޅިފައިވާ ދެ ކްލަބެއްގެ ވާހަކައެވެ. އެ ގުޅުން ގުޅުނީ ޖޯޝަށް، ކްލަބުގެ ބެޖަށް ކުޅުނު މެޗުތަކުންނެވެ. ސަޕޯޓަރުންނަށްޓަކައި އުފުލައިލައި ދިން ޓްރޮފީތަކުންނެވެ. ތަރީންނާއި ލެޖެންޑުން ދިވެހި ފުޓުބޯޅައަށް ގެނައި ވިކްޓްރީ އާއި ނިއުގެ ކާމިޔާބީތައްވެސް ގިނައެވެ. އުފެއްދި ޖީލުތަކުގެ ރަމްޒަކީ އެ ތަށިތަކެވެ.
ވިކްޓްރީގެ ކާމިޔާބީއަށް ނަޒަރެއް ހިންގައިލަމާ ހިނގާށެވެ. ދިހަ ފަހަރެއްގެ މަތިން އޭޝިއާ ލެވެލްގައިވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ވިކްޓްރީ ވަނީ ޑޮމެސްޓިކް ޓްރެބަލް ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ. އެއީ 2000 އަދި 2001 ވަނަ އަހަރުގައެވެ. ވިކްޓަރީ ވަނީ ރާއްޖޭގެ ޑޮމެސްޓިކް 33 ތަށި ހޯދުމުގެ އިތުރުން 1989 ވަނަ އަހަރުގެ ޕޮމިސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.
ގައުމީ ލީގުވެސް 23 ފަހަރަށް ކާމިޔާބުކުރި ވިކްޓަރީއަށް ފުޓުބޯޅައިގެ ރާސްތާ ބަނަވާން ފެށީ 2013 ވަނަ އަހަރު ކްލަބަށް އައި ކުއްލި ލޮޅުމަކާ އެކުގައެވެ. އެ ސީޒަންގެ ރެލިގޭޝަން ޕްލޭ އޮފްގައި ލީގު ނިންމާލި ވިކްޓަރީ ދެވަނަ ޑިވިޝަނަށް ނުގޮސް ސަލާމަތްވީ ކިރިޔާއެވެ. އޭގެ ފަހުން ކޮންމެ ސީޒަނަކަށްވެސް ވިކްޓަރީ ތައްޔާރުވިތަން ފެނުނީ ދުރު ރާސްތާ ޕްލޭނެއް ނެތިއެވެ.
އޭގެ ފަހުން 2019/2020 ލީގު މެޗުތަކަށްވެސް ވިކްޓްރީއަށް ރަނގަޅަށް ހާޒިރު ވެވިފައެއް ނުވެއެވެ. އޭގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތައްވެސް އޮތެވެ. އެއާއެކު ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީއާވެސް އެކު، ސަސްޕެންޑްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
އެ ވިކްޓަރީ މިއަދު އެނބުރި އައީ ތަކުލީފުތަކުން، ސިޔާސީ އޮއިވަރެއްގައިވެސް ޖެހިގެންނެވެ. އެ އެނބުރި އައުން ފުރިހަމަ ކުރެވެން އޮތީ މިއަދުގެ މެޗުގައި ނިއު ބަލިކޮށްގެންނެވެ.
ނިއުގެ ކާމިޔާބީތައް އަދި މާ ހިތްގައިމެވެ. އޭއެފްސީ ކަޕްގައި ރާއްޖޭގެ ފަހުރެވެ. ގިނަ ފަހަރެއްގެ މަތިން އެ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް އެ ކްލަބުން ވަނީ 2005 ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލާ ހަމަޔަށްވެސް ގޮސްފައެވެ. ރާއްޖޭގެ އެންމެ ގިނަ ތަށި ހޯދި ނިއުއަކީ، އެކަން ކުރެވުނު ހަމައެކަނި ދިވެހި ޓީމެވެ. ހަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ނިއުއިން 2012 ވަނަ އަހަރު ލީގު ނެގީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. 12 ފަހަރު އެފްއޭ ކަޕް، ތިން ފަހަރު ޕޮމިސް ކަޕް ކާމިޔާބުކުރި ނިއު ވަނީ 12 ފަހަރަށް ޕްރެސިޑެންޓްސް ކަޕްވެސް ނަގައިފައެވެ.
އެތައް ލައްކައެއްގެ ދަރަންޏާއެކު އެ ކްލަބު ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުއެވެ.
ސަސްޕެންޝަންތަކާ އެކު އެ ދެ ކްލަބު ނަން ފުޓުބޯޅައިގެ ތެރެއިން ފުހެވި ދިޔައީ ފުޓުބޯޅައިގެ އެތެރޭގެ ސިޔާސީ ކަންކަމާ ވިދިގެން ކަމަށް ގިނަ ބަޔަކު ތުހުމަތުތައް ކުރިއެވެ. އެފްއޭއެމްގެ އެކްސްކޯގެ ކަންކަމަށް ނިއު އާއި ވިކްޓްރީ ފާޑު ކިޔާތީ، އެ ދެ ކްލަބަށް އަދަބު ދިން ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. ހާއްސަކޮށް، ދެ ކްލަބުންވެސް އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް މަސައްކަތް ކުރިކަން ފެންނަން އެބަ އޮތެވެ.
ފުޓުބޯޅައިގެ ސިޔާސީ މަސައްކަތުގައިވެސް އެ ދެކްލަބުގެ ބޭނުން ޖެހިފައިވާ މިދަނޑިވަޅަކީ ފުޓުބޯޅައަށް، ވިކްޓަރީ ނޫނީ ނިއު ފުރަތަމަ ޑިވިޝަނަށް އަންނަން ޖެހޭ ވަގުތު ކަމަށް ހިތާހިތުން ގަބޫލުކުރެވޭ އެތައް ބަޔަކު އުޅޭނެއެވެ. އެހެންކަމުން މިއަދުގެ މެޗު ދަނޑު މަތިންނާއި ދަނޑު ބޭނުން ތަފާތު ހާއްސައެވެ.
ނިއުއާއި ވިކްޓަރީ ވާދަކުރާ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު 3:30 ގައެވެ.