ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

ދެވަނަ ޑިވިޝަންގެ ފައިނަލް ޖާގައަކާއެކު މަސްއޮޑި ފުރަތަމަ ޑިވިޝަނަށް

އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ކްލަބު ބަލިކޮށް، މަސްއޮޑި ސްޕޯޓްސް ކްލަބުން ފައިނަލްގެ ޖާގައަކާއެކު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެއްޖެއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މަސްއޮޑިން ޓެންޓްގެ މައްޗަށް ކުރި ހޯދީ، 5-1 ގެ ނަތީޖާއަކުންނެވެ. މި ފަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެއެވެ. މަސްއޮޑިއާއެކު ދެން ދެވަނަ ޑިވިޝަނަށް ދާ ޓީމު ކަށަވަރު ވާނީ މާދަމާ ނިއު ރޭޑިއަންޓާއި ވިކްޓަރީ ވާދަކުރާ މެޗުންނެވެ.

ތިންވަނަ ޑިިވިޝަނުގެ ރަނަރަޕްގެ ގޮތުގައި، ދެވަނަ ޑިވިޝަނަށް ޕްރޮމޯޓްވި މަސްއޮޑިން މިފަހަރު ދެވަނަ ޑިވިޝަނަށް ވަރުގަދަ ސްކޮޑަކާއެކު ތައްޔާރުވީ މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައެވެ. ކުރިން ރާއްޖޭގެ ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުން ފެނުނު މުހިންމު ގިނަ ކުޅުންތެރިންތަކެއް މަސްއޮޑިން ފެނިފައިވާ އިރު، އެޓީމުން ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މިއަދުގެ މެޗުގެ 26 ވަނަ މިނެޓުގައި މަސްއޮޑިން ލީޑު ނެގި އިރު، އެ ގޯލު ޖެހީ ހުސެއިން ޝަރީފެވެ. މެޗުގައި ޓެންޓް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފައެވެ. އެ ޓީމުގެ ގޯލު ޖެހީ ސްރީ ލަންކާގެ ކުޅުންތެރިޔާ، ޗަލަނަ ޗަމީރާއެވެ.

ދެވަނަ ހާފުގެ ފެށުންވެސް މަސްއޮޑިން ރަނގަޅު ކުރި އިރު، އެ ހާފް ފެށިގެން 10 މިނެޓް ތެރޭގައި މަސްއޮޑިން ވަނީ އަލުން ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ޕެނަލްޓީއަކުން އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު، އިސްލާމް ފިކްރީއެވެ.

މަސްއޮޑިން މެޗުގެ ފަހުކޮޅުގައި އިތުރަށް ކުޅުން ރަނގަޅު ކޮށްފައިވާ އިރު، ޒިޔާން (ޖަންކީ) ޖެހި ދެ ގޯލާއި، އަބްލާތީ އެލް ސައީދު ޖެހި ގޯލުން މަސްއޮޑި ބޮޑު މޮޅެއް ހޯދިއެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު، 3:30 ގައެވެ. މަސްއޮޑިއާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ، މާދަމާ ނިއު އާއި ވިކްޓަރީ ކުޅޭ ސެމީ ފައިނަލް މެޗުންނެވެ.