އިމާދު ލަތީފު
މީގެ 79 އަހަރު ކުރިން ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު ދުނިޔޭގައި އެމެރިކާއަށްވުރެ ބޮޑު އެހެން ބާރެއް ނެތެވެ. އިގްތިސާދީގޮތުންނާއި އަސްކަރީގޮތުންނެވެ. އަދި އެނޫންވެސް ގޮތްގޮތުންނެވެ. ދުނިޔޭގެ ފަނޑިޔާރަކީވެސް އަދި ފުލުހަކީވެސް އެމެރިކާއެވެ. ދުނިޔޭގެ ހުރިހައިކަމެއް ބައްޓަންކުރަމުން ރާވަމުން ނިންމަމުން އައީ އެމެރިކާ ބޭނުންވާ ގޮތަށެވެ. މިހެން ދެންނެވި ކަމަށްވިޔަސް ސުޕަރ ޕަވަރެއްގެ ގޮތުގައި އެމެރިކާއާ ވާދަކުރަން ސޯވިއެޓް ޔޫނިއަނޭ ކިޔުނު ބިޔަ ގައުމެއް އޮތެވެ. އެކަމަކު އެއީ ހަމައެކަނި އަސްކަރީ ބާރެކެވެ. އިގްތިސާދީގޮތުން މާބޮޑު ބާރެއް ނޫނެވެ. އެ ގައުމުވެސް މީގެ ތިރީހަކަށް އަހަރު ކުރިން ވަނީ ރޫޅިގެން ގޮސްފައެވެ. އެހެންވީމާ މުޅިދުނިޔެ މިހާތަނަށް އޮތީ އެމެރިކާ ހިތަކަށް ލިބިފައެވެ. ދުނިޔޭގެ ރަސްކަމުގެ ތާޖު އަޅައިގެން އޮވެ ލައްކަ ސަކަރާތެއް ޖެހިފަހުން އެމެރިކާގެ މިދެންނެވި ރަސްކަން މިހާރު ނިމުމަކަށް އަތުވެއްޖެއެވެ. އެމެރިކާ ބޭނުންވާހައި ގޮތަކަށް ދުނިޔޭގެ ހުރިހައި ކަމެއް ނިންމުނު ޒަމާން މާޒީގެ ތެރެއަށް ހިގައްޖެއެވެ.
އިގްތިސާދީގޮތުންނާއި އަސްކަރީގޮތުން ޗައިނާ ވަނީ ބާރުދުވެލީގައި ކުރިއަރައި އެމެރިކާއާ ހަމަކޮށްފައެވެ. ރަޝިޔާވަނީ ކުރިއާ ޚިލާފަށް އެމެރިކާއަށް ދޫނުދިނުމާއި ބަދަލުހިފުން އިތުރުކުރުމުގެ ސިޔާސަތެއްް އިޚުތިޔާރުކޮށްފައެވެ. އިންޑިޔާއާއި ބްރެޒިލް އަދި އިންޑޮނީޝިޔާ ފަދަ ގައުމުތައް ވަނީ އިގްތިސާދީގޮތުން ކުރިއަރައި ޓްރިލިއަން ޑޮލަރުގެ ކުލަބުގައި ހިމެނިފައެވެ. މިހާރު ފައިސާހުރީ ހަމައެކަނި އެމެރިކާ އަތަކު ނޫނެވެ. ދުނިޔޭގެ އިގްތިސާދުގެ ތަޅުދަނޑި އޮތީ އެމެރިކާއިން ކޮންޓްރޯލްކުރާ ޖީ ހަތެއްގެ އަތަކު ނޫނެވެ. ފައިސާ ހޯދުމަށްޓަކައި އެފްރިކާ އާއި އޭޝިއާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުން މިހާރު އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫޖަހައި ސަލާންޖެހުން ހުއްޓާލައިފިއެވެ. އެމެރިކާދެކެ ބިރުގަތުން ހުއްޓާލައިފިއެވެ. އެމެރިކާ ބުނާހައި ބަހަކަށް އާނއެކޭ ބުނެ ޖަވާބުދިނުންވެސް ހުއްޓާލައިފިއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގައި މިހާރު ފެތުރިފައި މިއޮތީ އަނެއްކާވެސް އައުވައްތަރެއްގެ ހަނގުރާމައެކެވެ. ވާދަވެރިކަމާއި ހަތުރުވެރިކަމުގެ އައު އޮއިވަރެކެވެ.
ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ކޮންމެވެސް ބަޔަކު އެމެރިކާއާ ވިއްދާފައިވާ މަންޒަރެވެ. ޓެކްނޮލޮޖީ އޮތީ އެމެރިކާގެ އަތުގައި އެކަންޏެއް ނޫނެވެ. ޓެކްނޮލޮޖީގެ އެހީގައި އަސްކަރީ ކެރިކުޅަދާނަކަން ލިބިގަންނަނީ އެމެރިކާގެ މިތުރުން އެކަންޏެއް ނޫނެވެ. ތުރުކީވިލާތާއި އީރާންވެސް ޓެކްނޮލޮޖީގެ ދާއިރާގައި ލައްކަ ގިނަގުނަ ކުރިއެރުންތައް ހޯދައިފިއެވެ. އެމެރިކާގެ އަތުގައިހުރި ކޮންމެ ޓެކްނޮލޮޖީއަކާ ވަރުން އެޅިގެންވާ ކޮންމެވެސް ވަސީލަތެއް އެގައުމުތަކުގައިވެސް އެބަހުއްޓެވެ. އެމެރިކާއިން ހަތިޔާރު ނުވިއްކީމާ ނުވަތަ ނުދިނީމާ ހަތިޔާރު ނުލިބިފައިވާ ގައުމެއް މިހާރަކު ނެތެވެ. އެމެރިކާއާއެކު ސީދާ ކުރިމަތިލުމަކަށްދާން ޖެހިލުންވާ ގައުމެއްވެސް މިހާރަކު ނެތެވެ. މިކަމުގެ އެންމެ ރިވެތި މިސާލުތައް ފެންނަމުން އެދަނީ އުތުރު ކޮރެޔާ އާއި ޔަމަނުންނެވެ. ރެޑްސީގައި އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށްވެސް ޔަމަނުން ބޭނުންވީމާ އެދަނީ ހަމަލާ ދެމުންނެވެ. މިކަން ހުއްޓުވުމަށް ކުރެވޭ ކަމެއްވެސް ނެތެވެ. އެމެރިކާ އޮތީ ނުކުޅެދިފައެވެ.
ބޮޑުވެގެންވާ ދަންތުރައެއްގައި ރަޝިޔާ ޖައްސައި ހަފުސްކޮށްލުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރޭވިރޭވުން ޔުކްރޭނުގައި އެދަނީ ނާކާމިޔާބުވަމުން ރޫޅެމުންނެވެ. ވަކި މިންވަރެއް ނުބަލައި ޔުކްރޭނަށް އޮއްސަމުންދިޔަ ފައިސާޔާއި ހަތިޔާރުގެ މިންވަރަށް ވަރަށް ބޮޑު އުނިކަމެއް ގެންނަން އެއޮތީ މަޖުބޫރުވެފައެވެ. ގާޒާއާއި ޔަމަނަށް ނަޒަރު ސީދާކުރަންޖެހުމުގެ ސަބަބުންނެވެ. އެމެރިކާއިން އިޒްރޭލަށް ހަތިޔާރުދީ އަދި ނުވިތާކަށް ޑެލްޓާ ފޯހޭ ކިޔުނު ލަޝްކަރެއް ފޮނުވައިގެންވެސް ގާޒާގައި ހަމާސް ޖަމާއަތް ބަލިކޮށެއް ނުލެވުނެވެ. ހަމާސް ޖަމާއަތް ވުޖޫދުން ފޮހެނުލެވުނެވެ. ޔަމަނުގެ ހޫސީން ނިކަމެތިކޮށްލުމަށްޓަކައި އިނގިރޭސީންނާ ގުޅިގެން އެމެރިކާއިންފެށި އޮޕަރޭޝަންވެސް އޮތީ މިކަހަލަ ހާލަތެއްގައެވެ. ބޭނުންވާ ނަތީޖާ ނެރެވޭތަނެއް ނުފެނެއެވެ. ހޫސީންގެ މިސައިލްތަކެއް ނުހުއްޓުވުނެވެ. ފެންނަމުންދަނީ އެމެރިކާއަށް ގޮތްހުސްވަމުންދާ މަންޒަރެވެ. މިކަމުން ނެއްޓިގަނެވޭތޯ ތެޅިފޮޅޭ މަންޒަރެވެ. މާޔޫސްވެފައިވާ މަންޒަރެވެ.
ވަކި ކަމެއްގެ ތެރޭގައި ޗައިނާ މަޝްއޫލްކުރުވައި ހަފުސްކޮށްލުމަށް ކުރީއްސުރެ އެމެރިކާއިން ކުޅެމުން އަންނަ ކާޑަކީ ޓައިވާނުގެ ކާޑެވެ. ޓައިވާނަށް ހަތިޔާރުދީ ބާރުވެރި ކުރުވަނީ އެމެރިކާއިންނެވެ. މިކަމުގެ ރައްދުގައި ޗައިނާއިން ގެންގުޅޭ ސްޓްރެޓަޖީގެ ނަތީޖާ އެމެރިކާއަށް އެހެރަގެންދަނީ ފެންނަމުންނެވެ. ހަގީގަތުގައި އުތުރު ކޮރެޔާގެ ފަހަތުގައިވާ ބާރަކީ ޗައިނާއެވެ. އުތުރު ކޮރެޔާގެ ސަބަބުން ޖަޕާނާއި ދެކުނު ކޮރެޔާ އާއި އެމެރިކާއަށް އެ ސަރަހައްދުގައި ކުރިމަތިވެފައިވަނީ ބިރުވެރިކަމެވެ. ހަށިފޮޅައިލެވޭނެ ގޮތެއްވެސް ނެތެވެ. މެދުއިރުމަތީގައި އެމެރިކާއަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވާ އީރާނުގެ ފަހަތުގައިވެސް އޮތީ ޗައިނާއެވެ. ދެން ރަޝިޔާއެވެ. އިރާގާއި ސީރިޔާ އަދި ލުބުނާނާއި ފަލަސްތީނާއި ޔަމަނުގެ ޖަމާއަތްތަކަށް މަދަދުކުރަނީ އީރާނުންނެވެ. މިދެންނެވި ޖަމާއަތްތައް ބަލިނުކުރެވުމުގެ ސިއްރަކީ އީރާނެވެ. އީރާނަށް ސީދާ ހަމަލައެއް ދެވޭކަށްވެސް ނެތެވެ. ދީފިއްޔާ ދެން ކުރިމަތިވާންއޮތް ނުރައްކަލުގެ ބޮޑުކަމުންނެވެ.
ދުނިޔޭގެ ހުރިހާ ކަމެއްގެ ކޮންޓްރޯލް އެމެރިކާއަށް ލިބިފައި އޮވެގެން ކުޅުނު ދައުރަކީ އިންސާފުވެރި ދައުރެއް ނޫނެވެ. ފަނާކުރުމުގެ ދައުރެކެވެ. އެތައް ގައުމެއް ސުންނާފަތިކޮށްފިއެވެ. އެހެންވީމާ ދުނިޔޭގައި މައިގަނޑު ގޮތެއްގައި މިހާރު އޮތީ އެމެރިކާއާ ދެކޮޅު އޮއިވަރެކެވެ. އޭޝިޔާ އާއި އެފްރިކާގައެވެ. ދެކުނު އެމެރިކާގައެވެ. މިހާރު މިއިން އެއްވެސް ބައްރެއްގައި އެމެރިކާ ބޭނުންވާ ގޮތަށް ކަމެއް ނުކުރެވެއެވެ. އެންމެފަހުން އެމެރިކާވެސް މި ހަގީގަތް ގަބޫލުކޮށްފިއެވެ. އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިއަމް ބާރންސް މި ހަފުތާގައި ވިދާޅުވިއެވެ. ދުނިޔޭގައި އޮތް ހަމައެކަނި ބާރަކީ މިހާރު އެމެރިކާއެއް ނޫނެވެ. ހުރިހައި ދިމާލަކުންވެސް އޮތީ ބޮޑުވެގެންވާ ވާދަވެރިކަމެކެވެ. އެހެންވީމާ އެމެރިކާގެ މަސްލަހަތު އޮތީ ނުރައްކަލުގެ ތެރޭގައެވެ. މި ގޮންޖެހުންތަކާ ކުރިމަތިލުމަށް އައު ވިސްނުންތަކާއެކު އައު ރޭވުންތެރިކަމެއް އެބަބޭނުންވެއެވެ. މިހާރުގެ ހަގީގަތް ގަބޫލުކުރުމާއެކު ސިޔާސަތަށް އުނިއިތުރު ގެންނަން އެބަޖެހެއެވެ. އެހެންނޫނީ ލިބޭނީ ކޮޅުކެއްސެވެ.