ދުނިޔެ

އިތިއޯޕިއާ: ވަށައިގެން ބެދިފައިވާ އެންމެ ބައިބޯ ގައުމު، ކަނޑުގެ އައްސޭރިއެއް ހޯދުމަށް ކުރާ ހަނގުރާމަ!

އިމާދު ލަތީފު

ކަނޑުގެ އައްސޭރިއެއް ލިބިފައިނުވާ އަދި ވަށައިގެން ބެދިފައި އޮންނަ ދުނިޔޭގެ އެންމެ ބައިބޯ ގައުމަކީ އިތިއޮޕިޔާއެވެ. ސަރައްދުގެ ސައިޒަށް ބަލާއިރު ވަށައިގެން ބެދިފައިވާ އެންމެ ބިޔަ ދެ ގައުމަކީ ކަޒަކަސްތާނާއި މޮންގޯލިއާއެވެ. އެ ދެގައުމަށްވުރެ އިތިއޮޕިޔާގެ އާބާދީ މާބޮޑެވެ. އިތިއޮޕިޔާއަކީ އެފްރިކާ ބައްރުގެ ދެވަނައަށް އެންމެ ބައިބޯ ގައުމެވެ. އާބާދީއަކީ ގާތްގަޑަކަށް 115 މިލިޔަނެވެ. ބިމުގެ ސައިޒަށް ބަލާއިރު އެއީ އެފްރިކާގެ ދިހަވަނައަށް އެންމެ ބޮޑު ގައުމެވެ. އަސްކަރީ ކެރިކުޅަދާނަ ކަމަށްބަލާއިރު އެފްރިކާގައި ފަސްވަނައަށް އެންމެ ބާރުގަދަ، ވަރުގަދަ ގައުމަކީވެސް އިތިއޮޕިއާއެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ދުވަސްވީ ގައުމަކީވެސް އެއީއެވެ. އެންމެ ދިގު ތާރީޚެއް ލިބިގެންވާ އެއްގައުމަކީވެސް އެއީއެވެ. އަދި ޔޫރަޕުގެ މުސްތައުމިރުންނަށް އަޅުވެތި ނުކުރެވުނު އެފްރިކާގެ ހަމައެކަނި ގައުމަކީވެސް އެއީއެވެ. މިކަންކަން މިހެން އޮތުމާއެކު އިތިއޮޕިޔާއަށް ކަނޑުގެ އައްސޭރިއެއް ލިބިގެން ނުވަނީ ކީއްވެގެން ބާވައެވެ.

އިތިއޮޕިޔާއަކީ ކުރިން ވަށައިގެން ބެދިފައިއޮތް ގައުމެއް ނޫނެވެ. އެގައުމަށް ރެޑްސީން އެގާރަސަތޭކަ ކިލޯމީޓަރަށްވުރެ ދިގު އައްސޭރިއެއް ލިބިގެންވިއެވެ. އެ އައްސޭރި މިއަދު ލިބިގެންވަނީ އެރީތުރިއާއަށެވެ. އިތިއޮޕިއާގެ ދަށުން 1991 ވަނަ އަހަރު އެރީތުރިއާ މިނިވަންވުމާއެކު އިތިއޮޕިޔާގެ އައްސޭރި ގެއްލި ވަށައިގެން ބެދިފައި އޮންނަ ގައުމަކަށްވީއެވެ. އެރީތުރިޔާއަށް މިނިވަންކަން ލިބުނީ އެކަމަށްޓަކައި 1961 ވަނަ އަހަރުން ފެށިގެން ކުރެވުނު ތިރީސް އަހަރުގެ ދިގު ހަނގުރާމައަކަށްފަހުގައެވެ. އިތިއޮޕިޔާއާ އެންމެ ކައިރީގައިވާ ކަނޑަކީ ރެޑްސީއެވެ. މިއަދު އިތިއޮޕިޔާއަށް އެކަނޑަށް ނިކުމެވެންއޮތީ އެރީތުރިޔާ، ޖިބޫޓީ، ސޮމާލިޔާ، މި ތިން ގައުމުގެ ތެރެއިން ކޮންމެވެސް އެއްގައުމެއްގެ ސަރަހައްދު ހުރަސްކޮށްފައެވެ. ވަށައިގެން މިގޮތަށް ބެދިފައި އޮންނަ އޮތުމަކީ އިތިއޮޕިޔާގެ ކުރިއެރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެކެވެ. އެހެންކަމުން އަމިއްލަ ކޮންޓްރޯލް ލިބިފައިވާ ބަނދަރެއްގެ ހުވަފެނަކީ އެގައުމުގެ އެންމެ ބޮޑު ހުވަފެނެވެ.

ފާއިތުވި ތޭވީސް އަހަރުގެ ތެރޭގައި އެ ބަނދަރަކަށް އިތިއޮޕިޔާ ބަރޯސާވަމުން އަންނަ ބަނދަރަކީ އަވަށްޓެރި ޖިބޫޓީގެ ވެރިރަށް ޖިބޫޓީ ސިޓީގެ ބަނދަރެވެ. އިތިއޮޕިޔާއަށް އެތެރެކުރާ މުދަލާއި ބޭރުކުރާ މުދައު ދަތުރުކުރަނީ މިމަގުންނެވެ. މި ބަނދަރަށް އެވަރެޖްގޮތެއްގައި ދުވާލަކު ދެހާސް ފަސްސަތޭކަ ބޯޓު ކައިރިކުރެއެވެ. މިއީ ޖިބޫޓީގެ އިގްތިސާދުގެ އެންމެ ފަލަ ލޭނާރުވެސްމެއެވެ. މި ބަނދަރާއި އިތިއޮޕިޔާގެ ވެރިރަށް އެޑިސްއަބާބާ ގުޅުވައިދެނީ 760 ކިލޯމީޓަރުގެ ދިގު ރޭލްވޭ ލައިނަކުންނެވެ. މި ލައިނުގެ ތެރެއިން ގާތްގަޑަކަށް 150 ކިލޯމީޓަރު އޮތީ ޖިބޫޓީގެ ތެރޭގައެވެ. ޖިބޫޓީގެ ބަނދަރާއި މިދެންނެވި ސަރަހައްދުގެ މައްޗަށް އޮތީ ޖިބޫޓީގެ ސިޔާދަތީ ބާރެވެ. އެތަންތަން އޮމާންކޮށް ބޭނުންކުރެވުމާއި ނުކުރެވުން އޮތީ ޖިބޫޓީއާއި އިތިއޮޕިއާގެ މެދުގައި އޭރަކު އޮންނަ ދެނެގަތުމާއި އިތުބާރާއި އެކުވެރިކަމެއްގެ މައްޗަށެވެ. މިއީ އިތިއޮޕިޔާ އެންމެ ބޭނުންވާ ގޮތަށް ފަހިކޮށް އޮންނަ ކަމެއް ނޫނެވެ.

އެރީތުރިޔާއަށް 1991 ވަނަ އަހަރު މިނިވަންކަން ލިބުމަށްފަހުވެސް އެރީތުރިޔާ އާއި އިތިއޮޕިޔާއާ ދެމެދު އިމުގެ މައްސަލައިގައި ދެކޮޅުވެރިކަމުގެ އަރައިރުންތައް އޮވެއެވެ. ޚާއްސަކޮށް އެރީތުރިޔާގެ ހުޅަނގުބިތުން ބަދުމާ ސަރަހައްދުގެ މިލްކުވެރިކަމާ މެދުގައެވެ. މި އަރައިރުންތައް ނިމުމަކަށް ގެނެސް 2018 ވަނަ އަހަރު އިތިއޮޕިޔާގެ ބޮޑުވަޒީރު އަބީ އަހުމަދު އަލީ ވަނީ އެރީތުރިޔާއާއެކު އެއްވަސްވުމެއް ގާއިމުކުރައްވައި އެ ސަރަހައްދު އެރީތުރިޔާއަށް ދޫކޮށްލައްވައިފައެވެ. ބަދަލުގައި އިތިއޮޕިޔާ ބޭނުންވީ އެރީތުރިޔާގެ ތެރެއިން ރަތްކަނޑަށް ނުކުމެވޭނެ ކޮރިޑޯއަކާއި ބަނދަރެކެވެ. މިކަމަށް އެއްބަސްވެފައި ފަހުން އެރީތުރިޔާގެ ރައީސް އިސާއިއާސް އަފްވާރކީ ވަނީ އެއަށް އަމަލު ކުރަން އިންކާރު ކުރައްވައިފައެވެ. އެރީތުރިޔާގެ ތެރެއިން ރަތްކަނޑަށް ނުކުމެވޭނެ ދޮރު ހުޅުވައިދޭން ތައްޔާރެއް ނޫނެވެ. މިކަމުގައި އިތިއޮޕިޔާއަށް ލިބުނީ ކޮޅުކެއްސެވެ. މިކަމުގެ ރައްދުގައި އިތިއޮޕިޔާއަށް ކުރެވޭނެ މާކަބޮޑު ކަމެއްވެސް ނެތެވެ.

ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެއްވީމާ އެކަމުގެ އަގުވަޒަންކޮށް ދުނިޔެއިން އިތިއޮޕިޔާގެ ބޮޑުވަޒީރު އަބީ އަހުމަދު އަލީއަށް ނޯބަލް ސުލްހައިގެ އިނާމުވެސް ވަނީ އަރުވައިފައެވެ. އެހެންވީމާ ހިންދިރުވާލައިގެން އޮތީއެވެ. އިތިއޮޕިޔާ ބޭނުންވާ ގޮތަކަށް ރަތްކަނޑަށް ނުކުތުމަށް ދެންއޮތީ އެންމެ މަގެކެވެ. އެއީ ސޮމާލިޔާގެ މަގެވެ. ސޮމާލިޔާއަކީ ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އަނދަމުން އަންނަ ގައުމެކެވެ. މިވަގުތު ސޮމާލިޔާ އޮތީ ދެބައިވެފައެވެ. ސޮމާލިޔާގެ އުތުރުގައި ސޮމާލީލޭންޑުގެ ނަމުގައި ބަޔަކު ވަކި ވެރިކަމެއްވެސް ވަނީ ގާއިމްކޮށްފައެވެ. އެ ދައުލަތް ދުނިޔޭގެ އެއްވެސް ބަޔަކު ގަބޫލެއް ނުކުރެއެވެ. ދުނިޔެއިން ގަބޫލުކުރަނީ މޮގަދިޝޫގައި ގާއިމުކޮށްފައިވާ ސޮމާލިޔާގެ ސަރުކާރެވެ. ސޮމާލިޔާގެ މިދެންނެވި ހާލަތުގެ ފައިދާ ނަގައިގެން ރަތްކަނޑަށް ނުކުތުމަށް އިތިއޮޕިޔާ މިހާރު ވަނީ ގަސްތުކޮށްފައެވެ. ސޮމާލިޔާގެ ސިޔާދަތީ ކަރާމާތާއި ހައްގުތަކަށް ރިއާޔަތްކުރުމެއް ނެތިއެވެ.

ސޮމާލީލޭންޑުގެ ބާޣީ ސަރުކާރާއެކު ދެނެގަތުމެއް ގާއިމުކޮށް ދިގު މުއްދަތަކަށް ސޮމާލީލޭންޑުގެ ތެރެއިން ރަތްކަނޑަށް ނިކުމެވޭނެ ކޮރިޑޯއެއް އިތިއޮޕިޔާއަށް ލިބިގަތުމުގެ އެއްބަސްވުމެއް މިހާރު ވަނީ ހަދައިފައެވެ. ބަދަލުގައި އިތިއޮޕިޔާއިން ސޮމާލީލޭންޑުގެ ދައުލަތް ގަބޫލުކުރާނެއެވެ. އަދި ފައިސާކޮޅެއްވެސް ދޭނެއެވެ. އިތިއޮޕިޔާ އާއި ސޮމާލީލޭންޑުގެ މި އެއްބަސްވުމަކީ ސޮމާލިޔާގެ ރަސްމީ ސަރުކާރުން ބަލައިގަންނަ އެއްބަސްވުމެއް ނޫނެވެ. ވަރަށް ދެކޮޅު އެއްބަސްވުމެކެވެ. އެހެންކަމުން ސޮމާލިޔާގެ ރައީސް ހަސަން ޝައިޚު މަހުމޫދު އެހީތެރިކަމަށް އެދިވަޑައިގެންނެވީ އަރަބި ލީގުންނެވެ. ސޮމާލިޔާއަކީ އަރަބި ލީގުގެ މެންބަރު ގައުމެކެވެ. މިސްރުގެ ވެރިރަށް ގާހިރާއަށް ވަޑައިގެން އޭނާ ގޮވައިލެއްވެއެވެ. އަރަބި އަޚުންނޭވެ. އެހީތެރިވާށެވެ. އިތިއޮޕިޔާއިން ސޮމާލިޔާގެ ބިމަކަށް ވެރިވެގަންނަނީއެވެ. މިކަން ހުއްޓުވައިދޭށެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އަސްކަރިއްޔާއެއް އޮތީ މިސްރުގައެވެ. މިސްރަކީ އިތިއޮޕިޔާގެ ވަރަށް ބޮޑު ހަތުރެކެވެ.

މި ހަތުރުވެރިކަމުގެ ސިއްރަކީ ނީލަކޯރުގެ ފެން ކޮންޓްރޯލް ކުރުމަށްޓަކައި އިތިއޮޕިޔާގައި ހަދަމުންދާ ބިޔަ ޑޭމުގެ މައްސަލައެވެ. މިސްރު އެއޮތީ ހަނގުރާމައެއްގެ ތެރެއަށް ވަދެ އިތިއޮޕިޔާއަށް ފިލާވަޅެއްދޭނެ ދަނޑިވަޅަކަށް ބަލަބަލައެވެ. ސޮމާލީލޭންޑުގެ ތެރެއިން ގާއިމްކުރާ ކޮރިޑޯއަކީ އެ ފުރުސަތު ކަމަށް ވެދާނެއެވެ. މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީގެ ވައުދެކެވެ. ސޮމާލިޔާގެ ސިޔާދަތަށް އެއްވެސް ބަޔަކު އަރައިގެންފިއްޔާ އެބަޔަކާ ދެކޮޅަށް މިސްރުން ހަނގުރާމަކުރާނެއެވެ. އިތިއޮޕިޔާއަކަސް އެހެންބަޔަކަސް ފަރުވާލެއް ނެތެވެ. މިކަންކަން މިހެންއޮތީމާ ސޮމާލީލޭންޑުގެ ތެރެއިން ރަތްކަނޑަށް ނުކުތުމުގެ ހުވަފެނަކީވެސް ހަގީގަތަކަށް ހެދެންއޮތް ހުވަފެނެއް ކަމަށް ނުފެނެއެވެ. މިސްރާއި ހަނގުރާމައެއް ކުރުމަކީ އިތިއޮޕިއާއިން ކުރާނޭ ކަމެއް ކަމަށް ނުފެނެއެވެ. ކުރިލިބުމެއް ނެތްކަން ކަށަވަރުވާތީއެވެ. އިތޮއޮޕިޔާ ކޮޅަށް އަރާނެ މާގިނަ ބަޔަކުވެސް ނެތުމުންނެވެ. އިރުމަތީ އެފްރިކާގެ ހުރިހާ ގައުމެއްވެސް މިކަމުގައި އިތިއޮޕިޔާއާ ދެކޮޅެވެ.