އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިއްޔެ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ބޭއްވި މުބާރާތުގެ އިމަޖެންސީ ކޮމިޓީގެ ނިންމުން އިއުލާނު ކޮށްފިއެވެ.
އިއްޔެގެ މެޗުގެ ބޮޑު ބައެއް ކުޅުނު ފަހުން ހަމަނުޖެހުން ހިނގި އިރު، މެޗު ވިކްޓަރީން ލީޑު ކޮށްފައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 81 ވަނަ މިނެޓުގައި މެޗު ހުއްޓާލަން ޖެހުނީ، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭވާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަމަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ.
ދަނޑަށް އަރައި ބައެއް ސަޕޯޓަރުން ކުޅުންތެރިންނަށް ހަމަލާ ދީ، މާރާމާރީ ހިނގިތަން ވީޑިއޯއިން ފެނިފައިވާ އިރު، ވިކްޓަރީ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) އަށްވެސް ހަމަލާ ދޭ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. އެ މައްސަލަ ދަނީ ފުލުހުންވެސް ތަހުގީގު ކުރަމުންނެވެ.
މެޗާ ގުޅިގެން އެފްއޭއެމްގެ ފަރާތުން މުބާރާތުގެ އިމަޖެންސީ ކޮމިޓީ ބައްދަލުކޮށް، ނިންމާފައި ވަނީ އިއްޔެގެ މެޗު މެދުކަނޑާލި ހިސާބުން ބާކީބައި މާދަމާ ހަވީރު 4:00 ގައި ކުޅުމަށެވެ. އަދި ބާކީބައި ކުޅޭނި ދަނޑަށް ސަޕޯޓަރުން ނުވައްދާ ކަމަށްވެސް ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން އެފްއޭއެމްއިން ނިންމާފައި ވަނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީއަށް މެޗުގެ މައްސަލަ ހުށަހެޅުމަށެވެ. އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ، މިދިޔަ ހަތަރު އަހަރުވެސް ކޮންގްރެސްއިން ފާސްކޮށްފައި ނުވާތީ، މިއަދު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ އަލުން ފާސްކޮށްފައެވެ.