ސިޔާސީ

އިންތިހާބު ކާމިޔާބު ކުރެވުނަސް ރައްޔިތުންނަށް ދެރައެއް ދީ، އޮޅުވައެއް ނުލާނަން: އިބޫ

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނަސް ރައްޔިތުންނަށް ދެރައެއް ދީ، އޮޅުވާ ނުލައްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އޭނާއަކީ ކާކުކަން ރައްޔިތުންނަށް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ރައްޔިތުންނަށް ދެރައެއް ދީ އޮޅުވާލައި، ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

އޮޅުވާލާކަށް ރައްޔިތުންނަށް ދެރައެއް ދޭކަށް ނޫޅޭނަން. ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް އަތެއް ނުޖެހޭނަން،
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

"މިދިޔަ 25 އަހަރު ވެސް ދެއްކެވީ އަސްލު ސޫރަ، އެއަކަށް ބަދަލެއް ނާންނާނެ. އޮޅުވާލާކަށް ރައްޔިތުންނަށް ދެރައެއް ދޭކަށް ނޫޅޭނަން. ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް އަތެއް ނުޖެހޭނަން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި މީހުން ދިރިއުޅޭ 185 ރަށަށް ވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ހުރިހާ ރަށަކުން ވެސް އިވެނީ ރާއްޖޭގައި އަދުލު އިންސާފު ނެތް ވާހަކައާއި ވައްކަމާއި ކޮރޮޕްޝަން އާންމުވެފައިވާ މިންވަރާއި އަނިޔާވެރިކަމުގެ ވާހަކަތައް ކަމަށެވެ. އަދި އިވެނީ އެކަން ބަދަލު ކުރުމަށް ރައްޔިތުން ބޭނުންވާ ވާހަކަތައް ކަމަށް ވެސް ވިދާޅުވިއެވެ.