އިންޑިއާގެ ޕަންޖާބު ސްޓޭޓްގައި ދުއްވަމުން ދިޔަ ރޭލެއްގެ ދަށުވެ 60 މީހުން މަރުވެ އެތައްބަޔަކު ޒަހަމް ވެއްޖެއެވެ.
އިންޑިއާގެ އުތުރުގައި އޮންނަ ޕަންޖާބު ސްޓޭޓްގައި ހިނގި މިހާދިސާ ހިނގަން މެދުވެރިވީ ދީނީ އުފާފަޅުކުރުމެއް ހިނގަމުންދިޔަ ސަރަހައްދެއްގައެވެ. އެތައްސަތޭކަ ބަޔަކު އެއްވެގެން ފާހަގަ ކުރި މި ހަރަކާތް ހިނގި ސަރަހައްދަކީ ރޭލު ދަގަނޑެއް އޮންނަ ސަރަހައްދެކެވެ. މީހުން ގިނަކަމުން އެއްބަޔަކު ތިބީ ރޭލު ދަގަނޑުމަތީގައިކަމަށް މައުލޫމަތު ލިބެއެވެ.
މަންޒަރު ދުށް މީހަކު މީޑިއާގައި ހާމަކުރީ ބާރު ސްޕީޑުގައި ރޭލު ދިޔައިރު ދަގަނޑު މަތީގައިތިބި މީހުންނަށް ސަލާމަތް ވާނެ ވަގުތެއް ނުލިބުނު ކަމަށެވެ. އަދި ރޭލު ދިޔައީ އެންމެން ފުނޑުފުނޑު ކޮށްލުމަށްފަހު ކަމަށް އެމީހާ މައުލޫމާތުދިނެވެ.
އަމްރިތްސާ ގެ ސިވިލް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި މިހާދިސާގައި 60 މީހުން މަރުވެފައިވާ އިރު ޒަޚަމް ވެފައިވާ 51 މީހަކަށް އަންނަނީ ފަރުމާދެމުންނެވެ.
އިންޑިއާގެ ފުލުހުން މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ އިރު، އެންމެ ބޮޑު ހައިރާންކަމެއް ލިބެނީ ރޭލު އައި އަޑު މީހުންނަށް ނީވުމުން ކަމަށް ފުލުހުންގެ އޮފިޝަލް މީޑިއާ އަށް މައުލޫމަތު ދެމުން ބުންޏެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ކުރަމުން ދިޔަ ވީޑިއޯއަށް މަންޒަރުތައް ވަނީ އަރާފައެވެ. ވީޑިއޯއިން ފެންނަ ގޮތުން ރޯވެފައިވާ ބޮޑު އަލިފާންގަނޑެއްގެ ވަށައިގެން މީހުން ތިބިއިރު ކުއްލިއަކަށް ބާރުސްޕީޑުގައި އައި ރޭލު، މީހުންތަކުގެ ތެރެއިން ދާމަންޒަރު ފެނެއެވެ.
ޕަންޖާބުގެ ޗީފް މިނިސްޓަރުވެސް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވައިފަ އެވެ. ޗީފް މިނިސްޓަރު ވަނީ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލައްވައިފައެވެ. އަދި ރޭލު ދަގަނޑާއި އެހާ ކައިރީގައި އުފާފާޅުކުރުން ބޭއްވީ ކީތްވެތޯ ބަލައި ތަހުގީގު ކުރުމަށް ގޮވާލައްވައިފައެވެ.
ދުވާލަކު 23 މިލިޔަން މީހުން އިންޑިއާގައި ރޭލުގެ ހިދުމަތް ހޯދާއިރު ތަފާތު ނުރައްކާތެރި ހާދިސާތަކެއް ފާއިތުވި އަހަރު ތަކުގައި ވެސް ހިނގާފައިވެއެވެ.