ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ވޯޓަކާ ނުލައި ޕީއެންސީގެ ރައީސްކަމަށް އަބްދުއްރަހީމް އިންތިހާބުވެއްޖެ

ވޯޓަކާ ނުލައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިންތިހާބުވެއްޖެއެވެ.

ޕީއެންސީގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ޕީއެންސީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާފައިވާ ހަމައެކަނި ބޭފުޅަކީ އަބްދުއްރަހީމެވެ.

މިހާރު ކުރިއަށްދާ ޕީއެންސީގެ ރައީސްކަމުގެ އިތުރުން ނައިބު ރައީސުންނާއި އެ ޕާޓީގެ ކައުންސިލަށް 20 ބޭފުޅަކު އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ.

ޕީއެންސީގެ ނައިބު ރައީސްކަމަށް ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. އެއީ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި އެ ޕާޓީގެ ވަގުތީ ނައިބު ރައީސް މުހައްމަދު ސައީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ލަންކާގެ ކުރީގެ އެމްބެސަޑަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.

އެ ޕާޓީގެ ކައުންސިލަށް 31 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ.