ވ. އަތޮޅުގައި ފަރުމަސްވެރިކަން ކުރުމަށްފަހު މާލެއަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި "މަގުލަސް" ދޯނި ފުންކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މާލެ އަތޮޅު ފުށިދިއްގަރު ފަޅުގެ އިރުމަތީ ފަރާތު ފަރަށް އަރައިފައިވާ މި ދޯނި ފުންކުރެވުނީ މިއަދު 12:30 ގައެވެ. އަދި ދޯނި ދިޔަވަމުން ދާތީ ތާނގި ޖަހައިގެން ފެންމަތި ކުރުމަށް ކޯސްޓް ގާޑުގެ ޑައިވަރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ފަރުމަސްވެރިކަން ކުރާ 80 ފޫޓް ހުންނަ މި ދޯނި، ފަރަށް އަރައި އޭގައި ހުރި ބައެއް ސާމާނު އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ދަތުރުވެރިން ސަމާލުވުމަށް އިއްޔެ އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ހާދިސާ ހިނގި އިރު، ދޯނީގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ހަތަރު ބިދޭސީންނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެންއެންޑީއެފުން ބުނެއެވެ.