ނެމީބިއާގެ ރައީސް ކެންސަރަށް ފަރުވާ ހޯއްދަވަނިކޮށް އަވަހާރަވެއްޖެއެވެ.
ނެމީބިއާގެ ރައީސް، އުމުރުން 82 އަހަރުގެ ހޭގް ޖި ގެއިންގޮބް އަވަހާރަވެފައިވަނީ، އެ ގައުމުގެ ވެރިރަށް ވިންޑްހޮއެކްގައި ހުންނަ ކެންސަރު ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް އެ ގައުމުގެ ރައީސްގެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ނެމީބިއާގެ ރައީސްކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ނަންގޯލޯ ބުމްބާ ވަނީ ރައީސް ހޭގް އަވަހާރަވެފައިވަނީ އާދިއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ބުނެފައެވެ.
ރައީސް ހޭގް އަށް ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ހެދި ޓެސްޓުތަކުންނެވެ.
2015 ވަނަ އަހަރު ގެ މާޗް މަހުގެ 21 ވަނަ ދުވަހު ނެމީބިއާގެ ރައީސްކަމަށް ހޮވިވަޑައިގަތުމަށްފަހު ރައީސް ހޭގް ވަނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވައި 2019 ވަނަ އަހަރުގެ އިންތިހާބުވެސް ކާމިޔާބު ކުރައްވައިފައެވެ.