ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ޕީއެންސީގައި ހަތަރު ނައިބު ރައީސުން ތިބޭ ގޮތަށް ކޮންގްރެސްއަށް ހުށަހަޅަނީ

ޝަހީދާ އަބްދުﷲ ސައީދު

ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ހަތަރު ނައިބު ރައީސުން ތިއްބަވާ ގޮތަށް ކޮންގްރެސްއަށް ހުށަހަޅަން ވަގުތީ ކައުންސިލުން ނިންމައިފިއެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގައި ހަތަރު ނައިބުން ތިއްބަވަންޖެހޭ ކަމަށް މަޝްވަރާ މަޖިލީހުން ނިންމާފައިވާނެ ކަމަށެވެ.

އަދި އެނިންމުން ކައުންސިލަށް ހުށަހަޅައި، ކައުންސިލުންވެސް ހަތަރު ނައިބުން ތިއްބަވަން ފެންނަ ކަމަށް ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެކަމަށް ގޮތެއް ކަނޑައަޅާނީ މާދަމާ ބާއްވާ އެޕާޓީގެ ކޮންގްރެސްގައި މެންބަރުން ކަމަށް ވިދާޅުވިއެވެ.

އަދި އެގޮތަށް ފާސްވެއްޖެނަމަ އަސާސީ ގަވައިދަށް ބަދަލު ގެނެސް ހަތަރު ނައިބުން އެޕާޓީގައި ތިއްބަވާ ގޮތަށް އިސްލާހު ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އޭގެ އިތުރުން އެހެން އިސްލާހުތައްވެސް ހުންނާނެ ކަމަށާއި އެއީ އުސޫލުން ބޭރުން ކުރި ކަމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ޕީއެންސީގެ ކޮންގްރެސްއަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން އަންނަނީ ޕީޕީއެމުން ކަމަށާއި އެގޮތަށް އަމަލުކުރަނީ ޕީއެންސީގައި މިހާރު އިސްކޮށް ތިއްބެވި ފަރާތްތަކުން ޕާޓީގެ މަގާމުތަކަށް ވާދަކުރައްވާތީ، ވީހާވެސް އިންސާފުވެރިކޮށް ކޮންގްރެސް ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށެވެ.

ޕީއެންސީގެ ރައީސް ކަމަށް އަބްދުއްރަހީމް ކުރިމަތިލައްވައިފައިވާއިރު، އެޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ، އަހުމަދު ނިހާނާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އާއި ލަންކާގެ ކުރީގެ އެމްބެސަޑަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.