މުހައްމަދު އައުޒަމް
ސޮކޮޓްލެންޑުގެ ޕްރައިވެޓް އެއާލައިނެއް ކަމަށްވާ ލޮންގާ އެއާއިން އެގައުމުގެ ވެސްޓްރޭއިން ޕާޕާ ވެސްޓްރޭ އަށް ޝެޑިއުލް ދަތުރަކީ މިހާތަނަށް ކުރަމުން އަންނަ އެންމެ ކުރު ދަތުރެވެ.
ލޮންގާ އެއާގައި ކުރާ މިދަތުރުގެ ދިގުމިނަކީ 2.7 ކިލޯމީޓަރެވެ. އެންމެ 1 މިނެޓާއި 30 ސިކުންތުން ކުރެވޭ މިދަތުރުގެ އަގަކީ 22 އެމެރިކާ ޑޮލަރެވެ.
ދުނިޔޭގެ ނިސްބަތުން ކާބަންޑައި އޮކްސައިޑް ޖައްވަށް ބޭރުކުރުމުގައި %25 ހިއްސާ ކުރަނީ ވައިގެ ދަތުރުފަތުރެވެ. ތިމާވެއްޓަށް އަސަރުކުރާ މިންގަނޑަށް ބަލާއިރު މިހާ ކުރުދަތުރަކުން ޖައްވަށް ބޭރު އެވަނީ ވަރަށް ގިނަ އަދަދެއްގެ ކާބަންޑައި އޮކްސައިޑް ކަމަށް ސައިންސުވެރިން ދަނީ ބުނަމުންނެވެ. މިކަމުގެ ސަބަބުން ސޮކޮޓްލެންޑްގެ ގިނަބަޔަކު އިހުތިޔާރުކުރަނީ 25 މިނެޓުން ވެސްޓްރޭއިން ޕާޕާ ވެސްޓްރޭއަށް ދެވޭ ކާރު ފެރީގެ ހިދުމަތެވެ.
ލޮންގާ އެއާއިން ދުނިޔޭގެ އެންމެ ކުރުދަތުރު ކުރަމުން އަންނަ އިރު ސިންގަޕޯ އެއާލައިންސް އިން ވަނީ ދުނިޔޭގެ އެންމެ ދިގު ޝެޑިއުލް ދަތުރުތައް ފަށައިފަ އެވެ. ނިއުޔޯރކުން ސިންގަޕޫރަށް ކުރާ މިދަތުރުގެ ދިގުމިނަކީ 18 ގަޑިއިރެވެ. ސިންގަޕޯ އެއާލައިންސް ގެ ވެބްސައިޓުގައިވާ ގޮތުން މިދަތުރުގެ އަގަކީ 2147 އެމެރިކާ ޑޮލަރެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގައި ކުރާ އެންމެ ކުރުދަތުރަކީ މޯލްޑިވިއަންއިން ގަމުން ފުވައްމުލަކަށް ކުރާދަތުރެވެ. މިދަތުރުގެ ދިގުމިނަކީ 7 މިނިޓެވެ.
ޓްރާންސް މޯލްޑިވިއަން ގެ ސީޕްލޭނުން ކުރާ އެންމެކުރު ޝެޑިއުލް ދަތުރަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޖުމެއިރާ ވިއްޓަވެލި ރިސޯޓަށްކުރާ ދަތުރެވެ. މިދަތުރުގެ ދިގުމިނަކީ 5 މިނިޓެވެ.