މި އަހަރުވެސް ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓަކީ ރާއްޖޭގެ ޕާސްޕޯޓު ކަމަށް ހެންލީ ޕާސްޕޯޓް އިންޑެކްސް އިން ދައްކައިފިއެވެ.
އެ އިންޑެކްސް އިން ދައްކާގޮތުން ރާއްޖޭގެ ޕާސްޕޯޓު މިއަހަރު އޮތީ ދުނިޔޭގެ ރޭންކުގެ 53 ވަނައިގައެވެ. ރާއްޖޭގެ ޕާސްޕޯޓުގައި ވިސާއާ ނުލައި 94 ގައުމަކަށް ދަތުރުކުރެވެއެވެ.
މި އަހަރު ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓަކީ ސިންގަޕޫރުގެ ޕާސްޕޯޓެވެ. އެ ގައުމުގެ ޕާސްޕޯޓުން ވިސާއާ ނުލައި 195 ގައުމަކަށް ދަތުރުކުރެވެއެވެ. ދެވަނައިގައި އޮތީ ޖަޕާނެވެ. އެ ގައުމުގެ ޕާސްޕޯޓުން 193 ގައުމަކަށް ވިސާއާ ނުލަައި ދަތުރުކުރެއެވެ. ތިން ވަނައިގައި ހަ ގައުމު އެބައޮތެވެ. އެއީ، ފިންލޭންޑް، ޕްރާންސް، ޖަރުމަނީ، އިޓަލީ، ސައުތު ކޮރެއާ، އަދި ސްޕެއިނެވެ. އެ ގައުމުތަކުން ވިސާއާ ނުލައި، 192 ގައުމަކަށް ދަތުރުކުރެވެއެވެ.
މި އަހަރު އެންމެ ބާރުދެރަ ޕާސްޕޯޓަކީ އަފްގާނިސްތާނުގެ ޕާސްޕޯޓެވެ.
ހެންލީ ޕާސްޕޯޓް އިންޑެކްސްއަކީ 199 ޕާސްޕޯޓެއް ހިމަނައިގެން ދޭ ރޭންކެކެވެ. އެ އިންޑެކްސް ކުރިއަށްގެންދާތާ 20 އަހަރު ވެފައިވާ އިރު، ކޮންމެ މަހަކުވެސް ލިސްޓު އަޕްޑޭޓު ކުރެއެވެ. އެ ލިސްޓުގައި މިދިޔަ އަހަރު ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 58 ވަނައިގައެވެ.