އެމްޑީޕީގެ އެޖެންޑާ 19ގައި އޮތް ކަމަކަށް ވިޔަސް، ރައްޔިތުންނަށް މަންފާ ވަންޏާ ތާއީދުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ އެކަމަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ކަމަކަށް ވެއްޖެއްޔާ އެއީ އެޖެންޑާ 19ގައި އޮތް ކަމަކަށް ވިޔަސް، އެ ޕާޓީން ތާއީދުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެޖެންޑާ 19، އެއީ އެހާ މުހިންމު ކަމެއް ކަމަށް ބަލައިގެން މަސައްކަތްކުރަން ތިބީކީ ނޫން. އެހެންނަމަވެސް އެޖެންޑާ 19ގައި އޮތް ކަމަކަށް ވިޔަސް، އަދި އޭގެ ފަހުން ވުޖޫދަށް އަންނަ ކަމެއް ކަމަށް ވިޔަސް، އެކަމަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ފައިދާވާނެ ކަމެއް ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން އެކަމަކަށް ތާއީދުކުރާނަން. އެއީ އެޖެންޑާ 19ގައި އޮތް ކަމެއް ކަމަށް ވިޔަސް އަޅުގަނޑުމެން ތާއީދު ކުރާނަން،" އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އެކަމަކަށް ތާއީދުކުރުމުގެ ކުރިން ވިސްނާލާނެ ދެ ކަމެއް އޮންނާނެ ކަމަށާއި އެ ދެ ކަންތައް ފިޔަވައި، ގައުމީ މަސްލަހަތަށްޓަކައި ކޮންމެ ކަމެއްގައި ވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވިސްނާލާނެ މުހިންމު ދެ ކަމެއް އޮންނާނެ. އެއީ އެއް ކަމަކަށް ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ފެތުރިދާނެ ކަމަށް ނުވަތަ އެކަމަށް މަގުފަހިވާ ގޮތަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން އެކަމަށް ނޫނެކޭ ބުނާނަން. ދެވަނަ ކަމަކަށް އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ގޮތަކަށް މަސައްކަތްކުރަމުންދާ ކަމަށްވާ ނަމަ، އެކަމާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،" އޭނާ ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތަރައްގީ ރައްޔިތުން ބަލައިގަތް ނަމަވެސް، ރިޔާސީ އިންތިހާބު ނިމުމަށްފަހު މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމް އަދި ޕީއެންސީއަށް ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން 65 ގޮނޑިއާއެކު ސުޕާ މެޖޯރިޓީއެއް ހޯދި އިރު، ޕީޕީއެމް އަދި ޕީއެންސީއަށް ލިބުނީ އެންމެ އަށް ގޮނޑިއެވެ.