އިމިގްރޭޝަން

ލަންކާގެ ބޮމުގެ ހަމަލާގައި ބައިވެރިވި ޒަހްރާން މިއިން ޒަމާނެއްގައި ރާއްޖެ އައިސްފައެއް ނުވޭ: އިމިގްރޭޝަން

ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނާ ޒަހްރާން ހާޝިމް މިއިން ޒަމާނެއްގައި ރާއްޖެ އައިސްފައި ނުވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ލަންކާގެ ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ބުނާ ޒަހްރާން ރާއްޖެ އައިސްފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ ތިން އަހަރު ކުރިން ރާއްޖެ އައުމަށްފަހު އޭނާ އަދިވެސް ހުރީ ރާއްޖޭގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެ ކުރިން ވެސް ޒަހްރާން އައިސްފައިވާ ނުވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އެފަދަ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ލަންކާގެ ބޮމުގެ ހަމަލާއާ ގުޅިގެން ރާއްޖެ އަދި ބޭރުގެ ސެކިއުރިޓީ އެޖެންސީތަކާ ގުޅިގެން ބޯޑަރ ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އައިއެސް އިން އިއްޔެ އާންމުކުރި ވީޑިއޯގައި މޫނު ނިވާ ނުކޮށް، ބަޑިއެއް ހިފައިގެން ހުރި މީހަކީ ޒަހްރާން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެ ވީޑިއޯ އިން ދެން ފެންނަނީ މޫނު ނިވާކޮށްގެން ތިބި ހަތް މީހުންނެވެ.

ޒަހްރާނަކީ ލަންކާގެ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ "ނޭޝަނަލް ތައުހީދު" އަށް ނިސްބަތްވާ މީހެކެވެ. ޝަންގްރިއްލާ ހޮޓަލަށް ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ޒަހްރާން ވެސް ބައިވެރި ކަމަށް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، ލަންކާގެ ރަސްމީ އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.