މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، މިހާތަނަށް ހައްޔަރުކުރި އެންމެންގެ ވަނަވަރު އާންމުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވެސް ހިމެނެއެވެ. މިދިޔަ ހުކުރު ދުވަހު ޝަމްއާން ހައްޔަރުކުރި އިރު، ބުރާސްފަތި ދުވަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭރު އެމީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ މ. ހަޒާރީ ވިލާ، އަހުމަދު ލައްސާން (40އ) އެވެ.
އޭގެ ކުރިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ގ. ލިޓޯނިޔާ، މުހައްމަދު ޝަމްއާން ވަހީދު (36އ) އާއި ތ. ބުރުނި، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއީލް (21އ) އާއި ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު (37)ގެ އިތުރުން ހަމަ އެ ގޭ ހަސަން ސަހެޝާން (47އ) އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލާ ޖެނެރަލްގެ އާއިލާ މެންބަރެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ދެ މީހަކު ފުރުން މަނާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓި ޝަމްއާންގެ އާއިލާގެ މެންބަރަކީ އޭނާގެ އަނބިކަނބަލުން ހިދްފާ ފާއިޒެވެ. ނަމަވެސް ފުރުން މަނާކުރި ދެ މީހުންގެ މައުލޫމާތެއް އަދި ލިބިފައެއް ނެތެވެ.
ޝަމްއާންގެ ބަންދުގެ މުއްދަތަށް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ. އޭގެ ކުރިން ހައްޔަރުކުރި ދެ މީހަކު 10 ދުވަހަށް އަދި އެކަކު ތިން ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ޝަމްއާނަށް ކުރަނީ ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކުރި ބިދޭސީންތަކެއްގެ ތެރެއިން އެކަކު ދޫކޮށްލުމަށް ފަހު، އޭގެ މުގާބިލުގައި އެ މީހާގެ އަތުން 530،000 ރުފިޔާ ނެގިކަމުގެ ތުހުމަތެވެ. އެ ތުހުމަތާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ.