ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ، ޑެންގޫގެ 100 ކޭސް މިއަދާ ހަމައަށް ރިޕޯޓުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ހދ. ކުޅުދުއްފުށީގައި ހަލުވިކަމާއެކު ޑެންގޫ ހުން ފެތުރި، ހަމައެކަނި ކުޅުދުއްފުށިން ޑެންގޫގެ 100 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފިއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ އޮފިޝަލަކު މިރޭ ވިދާޅުވީ ކުޅުދުއްފުށީގައި ޑެންގޫ ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިހާތަނަށް 100 ކޭސް ވަރު އުޅޭ ކަމަށެވެ.

އަދި މީގެކުރިންވެސް އޮފިޝަލް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގައި 52 ކޭސް އުޅޭކަމުގެ މައުލޫމާތު ލިބިގެން ޓާސްކް ފޯހާއި ބައްދަލުކޮށް ޑެންގޫއާ ބެހޭ މައުލޫމާތު ދީފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީގައި ހުރި ހދ. އަތޮޅު ހެލްތް ސާވިސްގައި ހުރި ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ޑެންގޫ ކޭސްތައް ގަވައިދުން އެޗްޕީއޭއަށް ރިޕޯޓް ނުކުރެވި ހުރި ކަމަށެވެ.

ކުޅުދުއްފުށީގައި ޑެންގޫ ހުން ފެތުރެމުންދާތީ އެރަށު ކައުންސިލުން ޑެންގޫ ކޮންޓްރޯލް ކުރުމަށްޓަކައި ޓާސްކް ފޯހެއް ވެސް ވަނީ އެކުލަވައިލައި، މަސައްކަތް ފަށައިފައެވެ.

''ވަން އޮންލައިން''އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލް މެންބަރު އަދި ޓާސްކް ފޯހުގައި އިސްކޮށް ހަރަކާތެރިވެވަޑައިގަންނަވާ ސަމާ އަލީ ވިދާޅުވީ ކުޅުދުއްފުށީގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ޑެންގޫ ފެތުރެމުންދާ ކަމަށެވެ.

އަދި މިމަހުގެ 15ގައި ކުރި ވިއްސާރައަށްފަހު ޑެންގޫ ޖެހޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށް ސަމާ ވިދާޅުވިއެވެ.

އެހެންކަމުން ކުޅުދުއްފުށީ ކައުންސިލުން އިސްނަގައިގެން އެރަށުގައި ހުރި ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާތައް ހިމެނޭގޮތަށް ޓާސްކްފޯހެއް އެކުލަވައިލައި ރަށުން މަދިރި ނައްތައިލުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ސަމާ ވިދާޅުވީ ތިން ދުވަހު ރަށުތެރެ ފޮގް ކުރުމަށްޓަކައި އިއްޔެއާއި މިއަދު ރަށުގެ ބޮޑު ސަރަހައްދެއް ފޮގްކޮށްފައިވާ ކަމަށާއި މާދަމާވެސް ފޮގް ކުރާނެ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު އެ ރަށުގެ ގެތަކާއި ތަންތަން ޗެކް ކުރުމުގެ މަސައްކަތްކުރާނެ ކަމަށާއި މިހާރު އެ ރަށުގެ މުއައްސަސާތަކުގެ ބޭފުޅުންގެ ގެތައް ޗެކް ކޮށްފައިވާ ކަމަށެވެ.

''ވަންއޮންލައިން''އަށް އެނގިފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޑެންގޫ ޖެހިގެން 100 އަށްވުރެ ގިނަ ކޭސް ހަމައެކަނި ކުޅުދުއްފުށިން ރިޕޯޓްކޮށްފައިވެއެވެ. އަދި ހދ. ގައި ދެވަނައަށް އެންމެ ގިނައިން ޑެންގޫ ހުން ފެތުރެމުންދާ ހަނިމާދޫން މިއަހަރުގެ މިހާތަނަށް 25 ކޭސް ރިޕޯޓްކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެއަތޮޅު ނޮޅިވަރަމުންނެވެ.

މީގެ 23 ގަޑިއިރު ކުރިން އެޗްޕީއޭއިން ކުރި ޓުވީޓެއްގައިވާ ގޮތުން ހދ. އަތޮޅުން މިއަހަރުގެ މިހާތަނަށް ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ދެ މީހުންނެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ހދ. އަތޮޅު ހެލްތް ސާވިސްއިން އެޗްޕީއޭއަށް ޑެންގޫ ކޭސްތަކުގެ ރިޕޯޓް ފޮނުވިފައި ނުވަނީ އެސެންޓަރުގެ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން ދެ ހަފުތާ ވަންދެން ރިޕޯޓް ނުފޮނުވި މެދުކެނޑުމަކަށްފަހު ރިޕޯޓް ފޮނުވަންފެށި ފަހުން ތިން ދުވަސް ވެއްޖެކަން އެނގިފައިވެއެވެ.