އުތުރު ކޮރެއާއިން ކަނޑުއަޑީގެ ނިއުކްލިއާ ހަތިޔާރުގެ ޓެސްޓެއް ކޮށްފިއެވެ.
އުތުރު ކޮރެއާއިން ވަނީ އެ ގައުމުން ކަނޑުއަޑީގެ ނިއުކްލިއާ ޓެސްޓު ކޮށްފައިވަނީ އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ޖަޕާނު ގުޅިގެން ކުރިއަށްގެންދާ މިލިޓަރީ ޑްރިލްގެ ސަބަބުން ކަމަށް ބުނެފައެވެ.
އުތުރު ކޮރެއާއިން ޓެސްޓު ކޮށްފައިވަނީ ކަނޑުއަޑިން ދަތުރުކުރާ ޑްރޯންއެކެވެ. އެ ޓެސްޓާއެކު އެ ޑްރޯން ބޭނުންކޮށްގެން ކަނޑުއަޑީގައި އެއްތަނުން އަނެއް ތަނަށް ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެން ގޮސްފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
އުތުރު ކޮރެއާއިން ޓެސްޓު ކުރިކަން ހާމަކުރި ނަމަވެސް، އެ ގައުމުން އެ ބާވަތުގެ އެއްވެސް ޓެސްޓެއް ކުރިކަމުގެ ހެކި ލިބިފައިނުވާ ކަމަށް ދެކުނު ކޮރެއާއިން ވަނީ ބުނެފައެވެ.
މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުވެސް އުތުރު ކޮރެއާއިން ވަނީ މެދު ރާސްތާ މިސައިލެއް ޓެސްޓުކޮށްފައެވެ.
ދެ ކޮރެއާ ގުޅޭ ކޮރެއަން ޕެނިންސިއުލާގެ މަޝްރަހު މިފަހުން ގޯސްވެފައިވަނީ އުތުރު ކޮރެއާއިން ޖާސޫސްކުރާ ސެޓަލައިޓެއް ޖައްވަށް ފޮނުވުމުންނެވެ. އެ މައްސަލައިގައި ދެ ކޮރެއާއިން ވެސް ވަނީ ހަމަލާ އަތުވެދާނެ ކަމަށް ތައްޔާރުވުމަށް ޑްރިލްތަކެއް ބާއްވައިފައެވެ.