މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ އަރަބިއްއާގެ ކޮންސިއުލޭޓަށް ދިޔަފަހުން ވީނުވީއެއް ނޭނގި ގެއްލުނު ސައުދީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ މަރުވެފައިވާ ކަމަށް ސައޫދީން އެއްބަސްވެއްޖެއެވެ.
ސައުދީން އަމިއްލައަށް ކުރި ތަހުގީގަކަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޚަޝޯގީ ތުރުކީގައި ހުންނަ ސައޫދީގެ ކޮންސިއުލޭޓަށް ވަނުމަށް ފަހު ހަމަނުޖެހުންތަކެއް ހިނގި ކަމަށާއި އޭނާ މަރުވީ އެ ހަމަނުޖެހުންތަކުގައި ކަމަށެވެ.
ސައޫދީން ނެރުނު ބަޔާނުގައި ޚަޝޯގީ މަރާލުމުގައި ބައިވެރިވިކަމަށް ބެލެވޭ 18 މީހަކު ބަންދުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮންބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. މިކަން އިތުރަށް ބެލުމަށް ބޮޑުތަހުގީގެއް ކުރިޔަށް ދާކަމަށް ބުނެފައިވެ އެވެ.
ޚަޝޯގީ ކޮންސުލޭޓަށް ވަނުމަށްފަހު ހިނގައިދިޔަ ހަމަނުޖެހުމުގައި އޭނާ މަރާލިކަމަށް ސައޫދީން އެއްބަސްވާއިރު ޚަޝޯގީ މަރުވީ ސީދާ ކިހިނެއް ކަމެެއް ވެސް ބަޔާނުގައި ނުވެއެވެ. އަދި އޭނާގެ ހަށިގަނޑަށް ވީ ގޮތެެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ސައޫދީ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޚަޝޯގީ ގެ ހަށިގަނޑު ތުރުކީ ބަޔަކާއި ހަވާލުކުރި ކަމަށެވެ. ނަމަވެސް ގެންދިޔައީ ކޮންތަނަކަށް ކަމެއް ނުބުނެއެވެ.
ސައޫދީން ޚަޝޯގީގެ މަރުގެ ހަގީގަތް ހާމަކުރަން ފެށީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފިއްތުންތަކަށް ފަހު އެވެ. ހާއްސަކޮށް އެމެރިކާއިން ދިޔައީ މިކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައި ދިނުމަށް ސައޫދީއަށް ޕްރެޝަރު ކުރަމުންނެވެ.
ޚަޝޯގީ ފާހަގަކޮށްލެވެނީ ސައުދީގެ ވަލީއަހުދުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައެވެ. ސައުދީން ޚަޝޯގީ ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އޭނާ އެމެރިކާގެ ހިމާޔަތުގައި ހުންނަތާ ވަނީ އަހަރެއްހައި ދުވަސްވެފައެވެ.
ތުރުކީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް މިމަހުގެ ދެވަނަ ދުވަހު ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ. އޭނާގެ ލޯބިވެރިޔާ ބުނެފައި ވަނީ އެ އިމާރާތަށް ޚަޝޯގީ ވަތް ފަހުން، ނުނިކުންނަ ކަމަށެވެ.