ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ހައި ކޯޓުން އިއްވި ހުކުމުގެ މުއްދަތު ހަމަވެފައިވި ނަމަވެސް، މިނިވަން ކޮށްފައިނުވާތީ ރިޔާޒް މިނިވަން ކޮށްދިނުމަށް ހެބިއަސް ކޯޕަސް މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ހައިކޯޓުން މިއަހަރުގެ އޭޕްރީލް 24ގައި ހުކުމް އިއްވުމަށްފަހު ކަރެކްޝަނަލް ސާވިސްއިން ދޫކުރި ޗިޓުގައި އޭނާގެ ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހު ކަމުގައި ބަޔާންކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހެވެ. މިހާރު އެ ދުވަސް ފާއިތުވެގެންދިޔަތާ ވަނީ ދެ ދުވަސް ވެފައެވެ.
ރިޔާޒުގެ ވަކީލުން ވިދާޅުވީ ހުކުމުގެ މުއްދަތު ހަމަވިއިރު ވެސް ރިޔާޒް ބަންދުގައި ގެންގުޅެމުންދަނީ ގާނޫނާ ހިލާފަށް ކަމަށްވާތީ ހެބިއަސް ކޯޕަސް އަމުރެއް ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެ ހުށަހެޅުން ކްރިމިނަލް ކޯޓުން ބަލައިގެންފައިވާ ކަމަށާއި އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލާ ދުވަސް ޖެހުމުގެ ކުރިން ރިޔާޒު މިނިވަން ކޮށްދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ރިޔާޒުގެ ވަކީލުން ވިދާޅުވިއެވެ.
ރިޔާޒަށް ޖަލު ހުކުމެއް އައިސްފައިވަނީ ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލައިގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެގެންނެވެ.