ދުނިޔެ

ތައިލެންޑުގެ ބަޑިބޭސް އުފައްދާ ފެކްޓްރީއެއް ގޮވައި 23 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ތައިލެންޑުގެ ބަޑިބޭސް އުފައްދާ ފެކްޓްރީއެއް ގޮވައި 23 މީހަކު މަރުވެއްޖެއެވެ.

ތައިލެންޑުގެ އުތުރުން އޮންނަ ސުޕާން ބޫރީ ޕްރޮވިންސްގައި ބުދަ ދުވަހު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައިނުވާއިރު ކަމާބެހޭ އިދާރާތަކުން އަންނަނީ ހާދިސާ ތަހުގީގު ކުރަމުންނެވެ.

ތައިލެންޑުގެ ރެސްކިއު އޮފިޝަލުން ވަނީ ހާދިސާގައި އަނިޔާވި މީހުންގެ ސީދާ އަދަދުވެސް އަދި ހޯދިފައި ނުވާކަމަށާއި މަރުވި މީހުންގެ އަދަދު 23 އަށްވުރެ މައްޗަށް އެރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ތައިލެންޑުގެ ފުލުހުން ވަނީ ހާދިސާ ހިނގި ފެކްޓްރީ ހިމެނޭ ސަރަހައްދު ބަންދުކޮށް ފޮރެންސިކް އޮފިޝަލުންގެ އެހީގައި ސާމްޕަލް ނަގައި ތަހުލީލު ފަށާފައެވެ.

ތައިލެންޑުގައި މިދިޔަ އަހަރުގެ ޖުލައި މަހުވެސް ބަޑިބޭސް ރައްކާތެރިކުރާ ގުދަނެއްގައި ރޯވެފައިވެއެވެ. އެ ފަހަރުގެ ހާދިސާގައި 12 މީހުން މަރުވެ 121 މީހަކަށް އަނިޔާވެފައިވާއިރު 100 އަށްވުރެ ގިނަ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.