ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

މިމަހު އެންމެ ގިނައިން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ ލ. އަތޮޅުން: އެޗްޕީއޭ

މިމަހު އެންމެ ގިނައިން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ ލ. އަތޮޅުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބަުތައް ދައްކާގޮތުން މި އޭޕްރީލް މަހުގެ ތެރޭގައި ޑެންގީހުން ޖެހިގެން 62 މީހުން ވަނީ ރިޕޯޓްކޮށްފައެވެ. ޑެންގީހުން ޖެހިގެން ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހުޅުމާލެއިންނެވެ. އެއީ 38 މީހުންނެވެ. ދެން އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ އއ. އަތޮޅުންނެވެ. އެއީ 29 މީހުންނެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް ޑެންގީހުން ޖެހިގެން 1700 ކޭސް ރިޕޯޓް ކޮށްފައިވާ ކަމުގައެވެ. ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީހުން ޖެހިގެން ރިޕޯޓްކުރި ވަރު ގިނަ ކަމުގައި އެޗްޕީއޭއިން ބުނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރުގެ ތަފާސް ހިސާބުތައްވެސް އާއްމުކޮށްފައެވެ. އެގޮތުން އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން 790 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ތ. އަތޮޅާއި ގއ. އަަތޮޅާއި މާލެއި ކަމަށެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން 406 ކޭސް، ގއ. އަތޮޅުން 291 ކޭސް އަދި ތ. އަތޮޅުން 32 ކޭސް ރިޕޯޓްކޮށްފައިވާ ކަމަަށް އެޗްޕީއޭއިން ބުނެއެވެ.

ޑެންގީހުމާއި ޗިކުންގުންޔާއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ދެހުމެކެވެ. ބައެއް ރަށްތަކުގައި މަދިރިން ސަލާމަތްވުމަށް ޓަކައި މިހާރު އަންނަނީ މަދިރި އާލާވާފަދަ ތަންތަން ނައްތާލައި ފޮގް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.