ކ. ގުޅިން ޗިކަންޕޮކްސް، ފާނަބަސަންދުގެ 11 ފޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފާނަބަސަންދުގެ ކޭސްތައް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް އާންމުކޮށް ފެންނަ ކަމަށެވެ. އެގޮތުން މިމަހުގެ ނިޔަލަށް މުޅި ރާއްޖެއިން ވަނީ ފާނަބަސަންދުގެ 2،977 ކޭސް ފެނިފައިވާ ކަމަށެވެ.
އޭގެ ތެރެއިގައި ހިމެނެނީ މާލޭ ސަރަހައްދުން ފެނުނު 1،506 ކޭސް އަދި އަތޮޅުތަކުން ފެނުނު 1،471 ކޭސް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ގުޅިން މިމަހު 11 މީހަކު ފާނަބަސަންދަށް ޕޮޒިޓިވް ވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗްގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ފާނަބަސަންދަކީ ވައިރަހަކުން ޖެހޭ ބައްޔެއް ކަމަށާއި އެ ބައްޔަކީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވިޔަސް، ބޮޑެތި މީހުންނަށް ވެސް އެބަލި ޖެހޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ކުރިން ފާނަބަސަންދު ނުޖެހޭ މީހަކަށް ވެސް އެ ބަލި ޖެހިދާނެ ކަމަށާއި އެ ބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ. ފާނަބަސަންދުން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖެހުން މުހިންމު ކަމަށާއި އެ ވެކްސިން ފާމަސީތަކުން ލިބެން ހުންނާނެ ކަމަށެވެ.