ދުނިޔެ

ޔޫކްރޭނުން ރަޝިޔާގެ ޖާސޫސީ ފްލައިޓެއް ވައްޓާލައިފި

މުހައްމަދު އައުޒަމް

ޔޫކްރޭނުން ރަޝިޔާގެ ޖާސޫސީ ފްލައިޓެއް ވައްޓާލައިފިއެވެ.

ޔޫކްރޭނުގެ އާމީ ޗީފް ޖެނެރަލް ވެލާރީ ޒަލުޒެނީ ވަނީ އެގައުމުން ދިން ހަމަލާއެއްގައި ރަޝިޔާގެ އޭ-50 މަރުކާގެ ދިގުރާސްތާއެއްގެ ރާޑަރު ހިމެނޭ ފްލައިޓު ވައްޓާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޔޫކްރޭނުން ވަނީ ފްލައިޓު ވައްޓާލާފައިވަނީ އަޒޯވް ކަނޑުގެ މަތިން ކަމަށްވެސް ބުނެފައެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ރަޝިޔާގެ ޖާސޫސީ ފްލައިޓު ވައްޓާލުމަކީ އެގައުމުގެ ވައިގެ ބާރުވެރިކަމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ސިފަކޮށްފައެވެ.

އެހާދިސާއަށްފަހު ރަޝިޔާއިން އެކަމުގައި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އެގައުމުގެ ނޫސްތަކުން ވަނީ އެކަމުގެ ސަބަބުން އެގައުމަށް ކަޅު ދުވަހެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޔޫކްރޭންގެ އާމީ އޮފިޝަލުން ވަނީ އެމީހުން ދިން ހަމަލާ އަކީ ވަރަށް ކުޅަދާނަ އަދި ރޭވުންތެރިކަމާއެކު ކުރި ކާމިޔާބު ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރަޝިޔާގެ އެއާފޯސްގައި އޭ-50 މަރުކާގެ މަދު ފްލައިޓެއް ހުންނަ އިރު އެބާވަތުގެ ފްލައިޓު އޮޕަރޭޓް ކުރާ މީހުންވެސް ރަޝިޔާގައި މަދުކަމަށް އޮފިޝަލުން ބުނެއެވެ.