ޝެއިޚް ޑރ. މުހައްމަދު އިޔާޒް

އަޅުކަންކުރާ ތަންތަނަށް ހަމަލާ ނުދިނުމަށް އަންގަވާފައިވޭ: ޑރ. އިޔާޒު

އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނަށް ހަމަލާ ނުދިނުމަށް ކީރިތި ރަސޫލާ އަންގަވައިފައިވާކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަނގުރާމައިގެ ހާލަތުގައިވެސް ޣައިރު މުސްލިމުން އަޅުކަންކުރާ ތަންތަނަށް ހަމަލާ ނުދިނުމަށާއި އެމީހުން އަޅުކަންކުރާ ތަކެއްޗަށް ބަދު ބަސް ނުބުނުމަށް ރަސޫލާ އިރުޝާދު ދެއްވާފައިވާކަމަށެވެ.

ޑރ. އިޔާޒު މިފަދައިން ޓުވީޓު ކުރައްވާފައި މިވަނީ ސްރީލަންކާގައި ކުރިސްޓިއަނުން އަޅުކަންކުރާ ފައްޅިތަކަށް މިދިޔަ އާދީއްތަ ދުވަހު ހަމަލާދީ އެތައް ބަޔަކު މަރާލާފައިވާ ވަގުތެއްގައެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި 350 އަށްވުރެ ގިނަ މީހުން މަރުވި އިރު، ޒަހަމްވި މީހުންގެ ވަނީ 500 އިން މަތީގަ އެވެ.

މިދިޔަ މަހުގެ 15ގައި ނިއުލިލެންޑްގައި ވެސް މިސްކިތަކަށް ބަޑިންދިން ހަމަލާދީ 50 މީހުން ވަނީ މަރާލައިފައެވެ.