ދުނިޔެ

ޒާކިރް ނައިކް ހޯދުމަށް އިންޓަޕޯލުން ނެރުނު ރެޑް ނޯޓިސް އުވާލައިފި

މުހައްމަދު އައުޒަމް

ޒާކިރް ނައިކް ހޯދުމަށް އިންޓަޕޯލުން ނެރުނު ރެޑް ނޯޓިސް އުވާލައިފިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އިންޑިއާގެ ދެއޮފިޝަލަކުވަނީ މިދިޔަ ހަފްތާގައި ޒާކިރް ނައިކް ހޯދުމަށް އިންޓަޕޯލުން ނެރުނު ރެޑް ނޯޓިސް އުވާލިކަން ކަށަވަރު ކޮށްދީފައެވެ.

އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރްނައިކް ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ މަނީލޯންޑްރިންގެ ތުހުމަތާއި އެހެން ދީންތަކާއި ދެކޮޅަށް ޒާކިރު ނައިކުގެ ދަތުރުތަކުގައި ވާހަކަދައްކާކަމަށް ތުހުމަތު ކޮށްފައިވަނިކޮށެވެ.

ޒާކިރު ނައިކް އިންޑިއާ ދޫކޮށް މެލޭޝިއާއަށް ދަތުރުކުރީ 2016 ވަނަ އަހަރު ޑާކާގެ ކެފޭއަކަށް ދިން ހަމަލާއެެއްގައި ޒާކިރުގެ އަތެއް ވާކަމަށް އިންޑިއާއިން ކުރި ތުހުމަތުތަކާ ގުޅިގެންނެވެ. އަދި ޒާކިރު ހޯދުމަށް އިންޑިއާއިން އެދުމުގެ ސަބަބުން އިންޓަޕޯލުން ވަނީ ރެޑް ނޯޓިސް ނެރެފައެވެ.

ޒާކިރު ނައިކް މެލޭޝިއާއަށް ދަތުރުކުރުމުން އިންޑިއާ ސަރުކާރުން ވަނީ ޒާކިރު ހައްޔަރުކުރުމަށް މެލޭޝިއާ ސަރުކާރުގެ އެހީއަށް އެދިފައެވެ. ނަމަވެސް މެލޭޝިއާ ސަރުކާރުންވަނީ އެގައުމަށް ޒާކިރުގެ ފަރާތުން ނުރައްކާ ވެދާނެކަމަށް ނުބެލެވޭކަމަށް ބުނެ އިންޑިއާގެ މަސައްކަތަށް އެއްބާރުލުން ނުދީފައެވެ.

ޒާކިރު ނައިކް ވެސް ވަނީ އޭނާއަށް އިންޑިއާގައި ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ 2017 ވަނަ އަހަރު އިންޓަޕޯލަށް ހުށަހަޅާފައެވެ.