އިޒްރޭލުން ދިން ޑްރޯން ހަމަލައެއްގައި ހަމާސްގެ އިސް ލީޑަރެއްކަމަށްވާ ސާލިހު އަލް ޢާރޫރީވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި އަންގާރަދުވަހު އަވަހާރަވެފައެވެ. މި ހަމަލައިގެ ސަބަބުން މުޅި މެދުއިރުމައްޗަށް އިތުރު ނާމާންކަމާއި ބިރުވެރިިކަން ވަނީ ފެތުރިފައެވެ. ސާލިހު އަލްޢާރޫރީއަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އޭނާއަކީ ހަމާސްގެ ހަތިޔާރުއެޅި ގޮފި ކަމަށްވާ ގައްސާމް ބްރިގޭޑުގެ ކުރީގެ ވެރިޔާއެވެ. އެއީ މިހާރުވެސް ހަމާސްގެ ސިޔާސީ ބިއުރޯގެ ލީޑަރެކެވެ. ގާޒާއިން ބޭރުގައި ހަމާސް ޖަމާއަތުން ހިންގާ ހަރަކާތްތަކުގެ މުގުލުގައި ހުންނެވި ބޭފުޅަކީވެސް އެއީއެވެ. ޚާއްސަގޮތެއްގައި ހަމާސްއަށް ސިޔާސީ ގޮތުންނާއި މާލީގޮތުން އެހީތެރިކަން ހޯދުމުގެ ހަރަކާތްތަކުގެ މޭސްތިރިޔަކީ އޭނާއެވެ. ހަމާސްގެ ގިނަ ލީޑަރުންނަކީ ގާޒާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންކަމަށްވިޔަސް އަލްޢާރޫރީ ނިސްބަތްވެވަޑައިގަންނަވަނީ ހުޅަނގު އައްސޭރިއަށެވެ. ހުޅަނގު އައްސޭރީގައި ބޮޑަށް އޮތީ ހަމާސްއާ ވާދަވެރި ފަތަހަ ޖަމާއަތުގެ ނުފޫޒެވެ.
އެކަމަކު ހުސްވި އަހަރުގެ އޮކްޓޫބަރު ހަތަކުން ފެށިގެން ހުޅަނގު އައްސޭރީގައިވެސް އިތުރުވަމުންދަނީ ހަމާސްގެ ނުފޫޒާއި ބާރެވެ. ސާލިހު އަލްޢާރޫރީ އަވަހާރަކޮށްލުމަށް ދިން ހަމަލާގައި އޭނާގެ އިތުރަށް ހަމާސްގެ ސީނިއަރ ކޮމާންޑަރުންގެ ތެރެއިން ސާމިރު ފިންދީ އާއި އައްޒާމް އަލްއަގްރާވެސް ވަނީ އަވަހާރަވެފައެވެ. ލުބުނާނުގެ ތެރޭގައި މިޒާތުގެ ޓެރަރިސްޓް ހަމަލަ ދިނުމަކީ އިޒްރޭލުން އަލަށް ކުރި ކަމެއް ނޫނެވެ. މިޒާތުގެ ކިތަންމެ ކިތަންމެ ކަމެއް މީގެކުރީގައިވެސް ހިންގާފައިވެއެވެ. މިފަހަރުގެ ހަމަލާގައި ބޭނުންކޮށްފައިވަނީ އިޒްރޭލުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ހާމޫސް ޑްރޯނާއި ނަމްރޫދު މިސައިލެވެ. ފަލަސްތީނުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ ކަމާލް އަދުވާން އަވަހާރަކޮށްލުމަށްޓަކައި މީގެ ފަންސާސް އަހަރު ކުރިން އިޒްރޭލުގެ ކޮމާންޑޯއިންގެ ޓީމެއް ކަނޑުމަގުން ބެއިރޫތަށް އަރައި ހިންގި އޮޕަރޭޝަނުގެ ހަނދާންތައް އަނެއްކާވެސް ވަނީ އައުވެފައެވެ.
އެފަހަރުގެ އޮޕަރޭޝަނުގައި އިޒްރޭލުގެ ބޮޑުވަޒީރުކަން ތަންކޮޅެއްފަހުން ކުރެއްވި އިހޫދު ބަރާކުވެސް ހިމެނިވަޑައިގެންނެވިއެވެ. މިއީ މިއަދުވެސް އިޒްރޭލުން ނުހަނު ބޮޑަށް ފަޚުރުވެރިވެފައި ދައްކާ ވާހަކައެކެވެ. ޓެކްނޮލޮޖީއަށް ލިބިފައިވާ ކުރިއެރުންތަކާއެކު މިހާރު މިޒާތުގެ އޮޕަރޭޝަނަކަށް ކޮމާންޑޯ ފައުޖެއްގެ ބޭނުމެއް ނެތެވެ. މިސައިލާއި ޑްރޯނުން މިކަހަލަ ކަމެއް ނިންމައިލެވިދާނެއެވެ. ކަންކުރީވެސް އެގޮތަށެވެ. ކާރޫބާރޫ ބޮޑު މަގެއްގައިހުރި ހަތަރުބުރި އިމާރާތެއްގެ ދެވަނަ ބުރިއަށް އަމާޒުކޮށް ދެވުނު ހަމަލައެކެވެ. ވަށައިގެންހުރީ ނުހަނު އުސް އިމާރާތްތަކެކެވެ. އިޒްރޭލުން މިކަމަށް އެއްބަސްވިޔަސް ނުވިޔަސް މިއީ އެމީހުންގެ އޮޮޕަރޭޝަނެއްކަން އެންމެނަށްވެސް ކަށަވަރެވެ. ޔަގީނެވެ. ކޮންމެއަކަސް މިފަހަރު މިހިންގި އޮޕަރޭޝަނާ ގުޅިގެން ތިން ސުވާލެއް އެބައުފެދެއެވެ. ސާލިހު އަލްޢާރޫރީއަށް އަމާޒުކުރީ ކީއްވެތޯއެވެ. މިހާރު މިދަނޑިވަޅުގައި މިގޮތަށް މިކަންކުރީ ކީއްވެގެންތޯއެވެ. މީގެ ބަދަލުގައި ދެން ކަންކަން ފުރޮޅިގެންދާނީ ކޮންގޮތަކަށްތޯއެވެ.
ފުރަތަމަ ސުވާލަކީ އަލްޢާރޫރީއަށް އަމާޒު ކުރެވުނީ ކީއްވެގެންތޯއެވެ. ހަމާސްގެ އިސް ލީޑަރުންގެ ތެރެއިން ވީހާވެސް ގިނަބަޔަކު ދުނިޔެއިން ވަކިކޮށްލުމަކީ އިޒްރޭލް ބޭނުންވާ ކަމެކެވެ. ޚާއްސަގޮތެއްގައި އޮކްޓޫބަރު ހަތެއްގެ ހާދިސާއަށް ފަހުގައެވެ. އަލްޢާރޫރީއަކީ ހަމާސްގެ އެހެނިހެން ލީޑަރުންނާ ތަފާތުކޮށް ވަރަށް މިނިވަންގޮތެއްގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާއި ހަމާސްއާ ދެމެދުގައިވާ ފާލަމަކީވެސް އެއީއެވެ. ހިޒްބުﷲ ގެ ލީޑަރު ޝައިޚު ހަސަން ނަސްރުއްﷲ އަކީ އޭނާއާ ގިނަގިނައިން ބައްދަލުވެ މަޝްވަރާ ކުރެވޭ ބޭފުޅެކެވެ. އީރާނުގެ ލީޑަރުންނާއި ހަމާސްއާ ދެމެދުގައިވާ ފާލަމަކީވެސް އަލްޢާރޫރީއެވެ. އީރާނުގެ އޮފިޝަލުންނާއި ބައްދަލުވެ މަޝްވަރާތައް ހިނގާ ތަނަކީވެސް ބެއިރޫތެވެ. އެހެންވީމާ އަލްޢާރޫރީ ދުނިޔެއިން ވަކިކޮށްލުމަކީ ހަމާސްއަށް ފޫބެއްދޭވަރަށްވުރެ ބޮޑު ގެއްލުމަކަށް ވާނެއެވެ. އޭނާ ނެތްތަން ފޫބައްދަން ވަރަށްވެސް ދަތިވާނެއެވެ.
ދެންއޮތް ސުވާލަކީ މިވަގުތު އޭނާ އަވަހާރަކޮށްލީ ކީއްވެގެންތޯއެވެ. އެންމެ މުހިންމު ސުވާލަކީވެސް މި ސުވާލެވެ. މިހާރު ފެށިފައިވާ ހަނގުރާމަ ނިންމައިލުމަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ބޭނުންވާ ކަމެއް ނޫނެވެ. ސިޔާސީގޮތުން އޭނާގެ ސަރުކާރަށް މަންފާބޮޑު ގޮތަކީ ހަނގުރާމަ ދިގުދެމިގެން ދިއުމެވެ. ގާޒާއާ ދެކޮޅަށް އިޒްރޭލުން ބޮޑުވެގެންވާ އުދުވާނެއް ފެށިއިރު ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ހަނގުރާމައެއް ފަށާނެ ކަމަށް ނަތަންޔާހޫ ގަބޫލުކުރިއެވެ. އެކަމަކު ހިޒްބުﷲ އިން އެކަމެއް ނުކުރިއެވެ. ވެރިކަމުގައި ދެމިހުރުމަށްޓަކައި އައު މައިދާނެއްގައި ހަނގުރާމަކުރަން ނަތަންޔާހޫއަށް މަޖުބޫރެވެ. އެހެންނޫނިއްޔާ އޭނާގެ ނާގާބިލްކަމާއި ފޫނުބެދުންތަކުގެ ވާހަކަ އިތުރުވެ އިޒްރޭލުގެ ތެރޭގައި އޭނާގެ ވެރިކަމާ ދެކޮޅު ހަރަކާތްތައް އިތުރުވާނެއެވެ. ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ ވެރިކަން ވެއްޓުމުގެ ބިރެއް ނެތެވެ. އެހެންވީމާ ނަތަންޔާހޫގެ މަގްސަދަކީ ލުބުނާނުގެ އިމުގައި ވަރުގަދަ ހަނގުރާމައެއް ފެށުމެވެ.
އެންމެފަހުގެ ސުވާލަކީ ދެން މަންޒަރު ބަދަލުވެގެން ފުރޮޅިގެންދާނީ ކޮންގޮތަކަށްތޯއެވެ. އިޒްރޭލުން ބޭނުންވަނީ ހަނގުރާމަ ފުޅާކުރުމަށެވެ. ލުބުނާނުގެ ހިޒްބުﷲ އާއި އީރާނުވެސް މި ހަނގުރާމައިގެ ތެރެއަށް ވެއްދުމަށެވެ. މިކަން ހިޒްބުﷲ އަށްވެސް އެނގެއެވެ. އީރާނަށްވެސް އެނގެއެވެ. އެހެންވީމާ އިޒްރޭލުގެ ގުއިރޯނުގައި ޖެހެންވީތޯ ނުވަތަ ނޫންތޯ އެ ދެފަރާތުން ވަރަށް ބޮޑަށް ވިސްނައި ފިކުރު ކުރާނެއެވެ. އެންމެފަހުގެ ނިންމުން އޮތީ އީރާނުގެ އަތުގައެވެ. ހިޒްބުﷲ އިން އަމަލުކުރާނޭ ކަމަށް ފެންނަނީ އީރާނު ބޭނުންވާ ގޮތަށެވެ. ހަމަ މިދަނޑިވަޅުގައި އީރާނުގެ ތެރޭގައި ޓެރަރިސްޓް ދެ ހަމަލާއެއްދީ ސަތޭކައެއްހައި މީހުން ވަނީ މަރާލައިފައެވެ. މިއީވެސް ޔަގީނާ ގާތަށް ގަބޫލުކުރެވޭ ގޮތުގައި ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި އީރާނު ގެނައުމަށްޓަކައި އިޒްރޭލުން ހިންގި އަމަލެކެވެ. އެހެންވީމާ ބޮޑަށް ގަބޫލުކުރެވެނީ އީރާނާއި ހިޒްބުﷲ އިން ސީދާގޮތެއްގައި މިކަމުގެ ތެރެއަށް ނުވަންނާނޭ ކަމުގައެވެ. އިޒްރޭލުގެ ގުއިރޯނުގައި ނުޖެހި ފަރުޖައްސާނޭ ކަމުގައެވެ.