މުހައްމަދު އައުޒަމް
ރަޝިޔާ އިން ބޭނުންކުރަނީ އުތުރު ކޮރެއާ އިން އުފައްދާ މިސައިލުތައް ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ ތަރުޖަމާނު ޖޯން ކިރްބީ ވަނީ ރަޝިޔާ އިން އުތުރު ކޮރެއާގެ އެހީއާއެކު ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަކުރާތީ އެކަމާ ކަންބޮޑުވާ ކަމަށް ފާހަގަކުރައްވައިފައެވެ.
ތަރުޖަމާނު ވިދާޅުވީ އެމެރިކާއިން އެ މައްސަލަ އދގެ ސެކިއުރިޓީ ކައުންސިލަށް ހުށަހަޅައި، ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެމެރިކާގެ ތުހުމަތުތަކަށް ރަޝިޔާ އިން ވަނީ ދެކޮޅުހަދައި އެއްވެސް ހާލެއްގައި އުތުރު ކޮރެއާގެ މިސައިލު ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މިލިޓަރީ ގުޅުންތަކާ ގުޅޭ ކަންކަމުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ރަޝިޔާއަށް ހާއްސަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.
އެ ދަތުރުފުޅުގައި ކިމް ވަނީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިންއާ ބައްދަލުވުންތައް ބާއްވަވައި މަޝްވަރާތަކެއް ކުރައްވައިފައެވެ. އެ މަޝްވަރާތަކުގެ މައުލޫމާތު ހިއްސާ ނުކުރާ ކަމަށްބުނެ، އެމެރިކާއާއި ވާގިވެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.