ދެ ކޮރެއާއިން ޑްރިލްތަކެއް ބާއްވައި، ބޯޑަރު ސަރަހައްދު ހޫނުކޮށްލައިފިއެވެ.
އުތުރު ކޮރެއައާއި ދެކުނު ކޮރެއާގެ މަޝްރަހު ގޯސްވަމުން ގޮސް ދެގައުމުން ވަނީ އަމިއްލަ ސަލާމަތަށް ތައްޔާރުވުމަށް ތަމްރީނުތަކެއް ބާއްވަން ފަށައިފައެވެ.
ހުކުރު ދުވަހު އުތުރު ކޮރެއާއިން ވަނީ ބޯޑަރު ގުޅޭ ސަރަހައްދުގައި ޑްރިލްއެއް ބާއްވައި، 200 އަށްވުރެ ގިނަ ހަމަލާ ފޮނުވާލައިފައެވެ.
އުތުރު ކޮރެއާއިން ޑްރިލް ފެށުމާއެކު ދެކުނު ކޮރެއާއިން ވަނީ އެގައުމުގެ ޔެއޮންޕިޔޮންގ އައިލެންޑްގައި ދިރިއުޅޭ އާންމުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައެވެ. 2010 ވަނަ އަހަރު އުތުރު ކޮރެއާއިން ބޭއްވި ޑްރިލްއެއްގައި ވަނީ އެ ރަށުން ހަތަރު މީހުން މަރާލައިފައެވެ.
އުތުރުން ހަމަލާ ދިން ނަމަވެސް އެއްވެސް ހަމަލާއެއް ދެކުނު ކޮރެއާއަށް ފޯރާފައެއް ނުވެއެވެ. ނަމަވެސް ދެ ގައުމުގެ ބޯޑަރު މެދުގައި އޮންނަ ހުސް ސަރަހައްދަށް ހަމަލާ ފޯރި ކަމަށް އޮފިޝަލުން ބުނެއެެވެ.
އުތުރުން ޑްރިލްއެއް ބާއްވައި، ބިރު ދެއްކުމުން ދެކުނު ކޮރެއާއިން ވަނީ އެ ގައުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޑަރު ހިމެނޭ ސަރަހައްދަށް ހަމަލާތަކެއް ފޮނުވައިފައެވެ.
އުތުރުން ފެށި ޑްރިލްގެ ސަބަބުން ކޮރެއަން ޕެނިންސިއުލާ ހިމެނޭ ސަރަހައްދުގެ މަޝްރަހު ގޯސްވެ ހޫނުވެފައެވެ.
ދެކުނު ކޮރެއާއިން ވަނީ އެ ގައުމުގެ ޔެއޮންޕިޔޮންގ އައިލެންޑްގެ އިތުރުން ކައިރީގައި އޮންނަ ބައެންގޔޮން އައި ޑައޭޗޮންގްގެ އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ދެ ކޮރެއާގެ ބޯޑަރު ހިމެނޭ ސަރަހައްދު ހޫނުވުމާއެކު ދެ ކޮރެއާއިން ހަނގުރާމަ ފަށާނެ ކަމުގެ ބިރު ބޮޑުވެ، އެ ސަރަހައްދުގެ މަޝްރަހު ވަނީ ގޯސްވެފައެވެ.