ސްރީ ލަންކާގެ 56 މީހަކު މިޔަންމާގައި ރަހީނުކޮށްފިއެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުން މިޔަންމާގެ ޓެރަރިސްޓް ގުރޫޕަކުން އެ 56 މީހުން ރަހީނުކޮށްފައި ވަނީ މަޔާވަޑޭ ނަމަކަށް ކިޔާ ސަރަހައްދެއްގައެވެ.
ރަހީނުކުރި މީހުންގެ ތެރޭގައި 41 ފިރިހެނުންނާއި 15 އަންހެނުން ހިމެނޭ ކަމަށާއި އެ މީހުން މިޔަންމާއަށް ގެންގޮސްފައިވަނީ އެ ގައުމުގެ އައިޓީ ދާއިރާއާއި ގުޅުން ހުރި ވަޒީފާތައް ހުށަހަޅައި އެކަމުގެ ވަގު ލިޔުންތައް ބޭނުންކޮށްގެން ކަަމަށްވެސް ބުންޏެވެ.
ލަންކާ އިން ބުނާ ގޮތުގައި ރަހީނުކޮށްފައިވާ މީހުން އެކި ކުށްތަކުގައި ދަނީ ބައިވެރިކުރުވަމުންނެވެ. އެގޮތުން އިންސާނީ ވަގުފާރީގެ އިތުރުން ސައިބާ ކްރައިމް ފަދަ ކުށްތަކުގައި ބޭނުންކުރަމުންގެންދާ ކަމަށް އެ ގައުމުން ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލަންކާގެ ފޮރިން މިނިސްޓްރީން ވަނީ ރަހީނުކޮށްފައިވާ އެ ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށް މިޔަންމާގެ ކަމާބެހޭ އިދާރާތަކާ އެކީ މަޝްވަރާތައް ފަށައިފައެވެ.