ދުނިޔެ

އިންޑިއާގައި އެއް ދުވަސް ތެރޭ 797 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގައި އެއް ދުވަސް ތެރޭ 797 މީހަކަށް ކޮވިޑް ޖެހިއްޖެއެވެ.

އިންޑިއާ އިން މި މަހުގެ މެދު ތެރޭގައި ފެނުނު ކޮވިޑްގެ އާ ވޭރިއަންޓް، "ޖޭއެން.1" ހަލުވިކަމާއެކު ފެތުރެމުންދާއިރު މިދިޔަ 24 ގަޑިއިރަކީ މިދިޔަ ހަތް މަހާއި ބައިގެ ތެރޭގައި އެންމެ ގިނަ ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވި މުއްދަތެވެ. އަދި އެ މުއްދަތުގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު އެ ގައުމުން ކޮވިޑްގެ އާ ވޭރިއަންޓް ފެނުނު ފަހުން މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި 4091 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އިންޑިއާގައި "ޖޭއެން.1" ފެތުރެން ފެށުމާއެކު އެ ގައުމުގައި ވަނީ ވެކްސިން ޖެހުމުގެ އިތުރު ޕްރޮގްރާމެއްވެސް ފަށައިފައެވެ. އެގޮތުން މުޅި އިންޑިއާއަށް މިހާތަނަށް 220.67 ކުރޯޑުގެ ކޮވިޑް ވެކްސިން ޑޯސް ވަނީ ފޯރުކޮށްދީފައެވެ.