އެސްއޯއެފުގެ އެކައުންޓުން ފައިސާދިން ކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު އަބްދުﷲ އާޒިމާއި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމް ސަސްޕެންޑް ކުރުމަށް ރައީސް އޮފީހުން ނިންމި ނިންމުން އުވައިލައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ސަސްޕެންޑްކުރި އާޒިމް އެމަގާމަށް އައްޔަންކުރައްވައިފައިވަނީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ސަސްޕެންޝަންގައި ހުންނެވި ދެ ބޭފުޅުންގެ ސަސްޕެންޝަން މިއަދު އުވައިލާފައިވާކަން ރައީސް އޮފީހުން ވަނީ ''ވަންއޮންލައިން"އަށް ކަށަވަރުކޮށްދީފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، އޭސީސީން ނެރުނުގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެސްއޯއެފްގެ އެކައުންޓުން އާޒިމްގެެ އެކައުންޓަށް ވަނީ 50،000 ޑޮލަރު ޖަމާކޮށްފައެވެ.
އަދި މައުސޫމްގެ ހިއްސާ އޮންނަ ދެކުންފުންޏެއްގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކުރިކަމަށް ރިޕޯޓުން ހާމަވެއެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، އޭގެ ތެރެއިން އެއް ކުންފުންޏަކީ، ސީޖީޓީ ޕްރައިވެޓް ލިމިޓެޑެވެ. ދެ ކުންފުންޏަކަށް އެސްއޯއެފުން 6.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވެއެވެ. އަދި ސީޖީޓީއަށް 5.7 މިލިއަން ޑޮލަރު ޖަމާކުރި ކަމަށް އެރިޕޯޓްގައި ވެއެވެ.