އިންޑޮނޭޝިއާގެ ޕްލާންޓެއް ގޮވައި 13 މީހުން މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ އިރުމަތީގައި ހުންނަ ނިކަލް މައުދަން އުފައްދާ ޕްލާންޓެއްގައި ގޮވި ހާދިސާގައި 38 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފައެވެ.
ނިކަލް އަކީ ބެޓަރީ އުފެއްޓުމަށް ބޭނުންކުރާ މައުދަނެކެވެ. އިންޑޮނޭޝިއާގެ ސުލާވޭސީގައި ހުންނަ އެ ޕްލާންޓަކީ އިންޑޮނޭޝިއާގެ ސިންގްޝަން ސްޓޭއިންލެސް ސްޓީލް އިން އޮޕަރޭޓުކުރާ ޕްލާންޓެއް ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ މަރުވި މީހުންގެ ތެރެއިން އަށް މީހުންނަކީ ޗައިނާ އަށް ނިސްބަތްވާ މީހުން ކަމަށް ބުނެފައެވެ.
މިހާތަނަށް ތަހުގީގުން ހާމަވިގޮތުން އެހާދިސާ ހިނގަން މެދުވެރިވީ އެޕްލާންޓުގައި ތެޔޮ ރައްކާކުރާ ބައިގެ މަރާމާތެއް ކުރުމުގެ ތެރޭގައި އަލިފާން ކަނިބުރައިގެން ގޮސް ތެލުގައި ރޯވެގެން ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑޮނޭޝިއާގެ ފުލުހުން ވަނީ އެޕްލާންޓު ހިމެނޭ ސަރަހައްދު ބަންދުކޮށް ތަހުގީގު ފުޅާކޮށްފައެވެ. އަދި އެޕްލާންޓުގެ ސަލާމަތީ ކަންކަން ބެލުމަށް ހާއްސަ ޓީމަކުން ވަނީ މަސައްކަތް ފަށައިފައެވެ.